ކުޅިވަރު

ނިއުކާސްލް ޔުނައިޓެޑާއި އެވަރޓަން ބައްދަލުކުރި މެޗް ނިއުކާސްލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރިމެޗް ނިއުކާސްލް ކާމިޔާބުކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސްލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ނިއުކާސްލްގެ ތަރިއަކަށްވީ ކަލުމް ވިލްސަންއެވެ. މިމެޗްގައި މޮޅުކުޅުމެއް ދެއްކި ވިލްސަން އޭނާގެ ފުރަތަމަ ލަނޑު ޖަހާދިނީ މެޗްގެ 73 ވަނަ މިނެޓްގައި ޖޮންޖޯ ޝެލްވީ ނަގާދިން ކޯނަރަކުންނެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އަދި މިމެޗްގައި ނިއުކާސްލްގެ ދެވަނަ ލަނޑު ވިލްސަން ޖަހާދިނީ މެޗްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައެވެ.

ނިއުކާސްލްވަނީ އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައެވެ. އަދި އެޓީމްގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ކޯޗް ސްޓީވް ބްރޫސްއަށް ކުރިމަތިވެފައިވެއެވެ. މެޗްގެ ފަހު ކަށިގަނޑާއެކު އެންމެ ބޮޑަށް ހިތްހަމަ ޖެހުނު އެކަކަށްވީވެސް ބްރޫސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރޫސް ހާމަކުރިގޮތުގައި ސުވާލެއްވެސް ނެތްގޮތުގައި މިދަނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ޕްރިމިއަރ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުލިބި ގިނަ ދުވަސްވާ ކަމުގައި ވާނަމަ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި އެއީ އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ނުވަތަ ޗެލްސީގެ ކުރީގެ ކޯޗް ފްރޭންކް ލެމްޕާޑް ކަމަށްވީ ނަމަވެސް އެކަމަށް ބަދަލެއް ނާންނާނެކަމަށް އޭނާ ހާމަކުރިއެވެ. މިމެޗަށް ނިއުކާސްލް ނެރެފައިވަނީ އާންމުކޮށް ކުޅޭ ފޯމޭޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެންނެވެ. އަދި ގެނައި ބަދަލު މަސައްކަތް ކުރާކަން ވަރަށް ރަނގަޅަށް ސާބިތު ވެއްޖެ ކަމަށާއި ހަމައެކަނި ކުރަންޖެހުނު ކަމަކީ އިތުރު ހިތްވަރެއް ލުން ކަމުގައި ބްރޫސް ހާމަކުރިއެވެ.

އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި އޭނާގެ ޓީމުގައި އެއްވެސް ރޫހެއް މިމެޗްގައި ފެނިގެން ނުދިޔަ ކަމަށެވެ. އަދި ޓީމްގައި ފެންވަރު ހުރި ނަމަވެސް ރޫހެއް ނެތިއްޔާ ކުރާނެ އެއްވެސްކަމެއް ނޯންނާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މި ނާކާމިޔާބީއާއެކު ތާވަލްގެ ހަތަރު ވަނައިގާ އުޅޭ ލިވަޕޫލާއި ޕޮއިންޓަކަށް ގާތް ވުމަށް އެވަޓަންއަށް ލިބުނު ފުރުސަތު މިވަނީ ބޭކާރު ވެގެން ގޮސްފައެވެ. މިގޮތުން އެޓީމް މިޙާރު އޮތީ ކުޅުނު 19 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ނިއުކާސްލްވަނީ 21 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.