ވިޔަފާރި

ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ


އިންޑިއާގެ ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިންޑިއާގެ ގޯ އެއަރއިން ނިންމައިފިއެވެ.

އިންޑިއާގެ ހައިދަރުއާބާދާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ބާއްވާ ސީދާ ދަތުރުތައް ފަށާނީ އަންނަމަހުގެ 8 ވަނަ ދުވަހުކަމަށް ގޯ އެއަރއިން ބުނެއެވެ. އަދި މިދަތުރުތައް ހަފްތާއަކު 4 ދުވަހު ބާއްވާއިރު، ދަތުރުތައް އޮންނާނީ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ގޯއެއަރއިން މައުލޫމާތުދޭ ގޮތުގައި މިފްލައިޓްތަކުގެ ޖެނަރަލް ސޭލްސް އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ވޮޔަޖަސް މޯލްޑިވްސްއެވެ.

އިންޑިއާގެ ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިންޑިއާގެ ގޯ އެއަރއިން ނިންމާފައިވާއިރު، މިހާރުވެސް އެ އެއަރލައިނުން ދަނީ އިންޑިއާގެ 3 ސިޓީއަކަށް ރާއްޖެއިން ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ މުމްބާއީ، ނިއުދިއްލީ އަދި ބެންގަލޫރެވެ.

މުމްބާއީއާއި ރާއްޖެއާ ދެމެދު ބާއްވާ ސީދާ ދަތުރުތައް ބުދަ، ބުރާސްފަތި އަދި ހޮނިހިރުދުވަހު ބާއްވާއިރު، ދިއްލީއަށް ބާއްވާ ދަތުރުތައް އޮންނަނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. އަދި ބެންގަލޫރަށް ބާއްވާ ދަތުރުތައް އޮންނަނީ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

އިންޑިއާގެ އެކި ސިޓީތަކަށް ރާއްޖެއިން ސީދާ ދަތުރުތައް ބާއްވަމުންދާއިރު، އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 11.3 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރަޝިޔާ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ.