ކުޅިވަރު

އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލްއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަންގައި ކުޅުނު މިމެޗްގައި ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދެއްކިއެވެ.

މިމެޗްގައި ގިނައިރު މެންޗެސްޓަރ އިން ބޯޅަ ގެން ގުޅުނު ނަމަވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ދެޓީމަށްވެސް މިމެޗްގައި ލިބިބޭކާރުވިއެވެ. މިގޮތުން އާސެނަލްގެ އެލެގްޒެންޑަރ ލަކަޒެޓް އާއި އެމީލް ސްމިތު ރޯއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނު އިރު މެންޗެސްޓަރގެ އެޑިންސަން ކަވާނީއަށްވެސް މިމެޗްގައި ލަނޑު ޖަހާނެ ރަގަޅު ދެ ފުރުސަތު ލިބިގެން ދިޔައެވެ.
މިމެޗްގައި އާސެނަލްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔާންގ އާއި ބުކާޔޯ ސާކާ އަދި ކިއެރެން ޓިއަރނީއަށް ތަފާތު ސަބަބު ތަކަށްޓަކައި ނުކުޅެވުނުއިރު އެޓީމާއަލަށް ގުޅުނު މާޓިން އޮޑެގާޑްވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. މިމެޗް އެއްވަރު ވުމުން މެންޗެސްޓަރ މިވަނީ ރަށުން ބޭރުގައި ކުޅެ ބަލިނުވެ 18 މެޗް ހަމަކޮށް ކްލަބްގެ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. ނަމަވެސް މިމެޗް އެއްވަރު ވުމުން މެންޗެސްޓަރގެ ކޯޗް އޮލޭ ގުނަރ ސޯލްޝާ މޫނުމަތިން މާ އުފާވެރި މަންޒަރުތަކެއް މެޗް ނިމުނު އިރު ފެނިގެން ނުދިޔައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސޯލްޝާ ހާމަކުރިގޮތުގައި ފަހަކަށް އައިސް އޭނާގެ ޓީމުން ކުޅެފައިވާ ވަރުގަދަ ބައެއް މެޗްތައް ކަމުގައިވާ މިމެޗާއި ޗެލްސީ، މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލާއި ބައްދަލުކުރިމެޗްތަކުގައި ރަގަޅަށް ޑިފެންޑް ކޮށް އިދިކޮޅު ޓީމްތަކަށް މާގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރުމުގެ ފުރުސަތު ދެވިފައި ނުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތާނގާ ލިބޭ ފުރުސަތު ތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުން ވަރަށް މުހިންމު ކަމަށްވެސް ސޯލްޝާ ކާމަކުރިއެވެ. އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާ ހާމަކުރިގޮތުގައި މިމެޗްގެ ނަތީޖާއަކީ ދެޓީމަށްވެސް ގޯސް ނަތީޖާއެއް ނޫންކަމަށެވެ.
މިމެޗް އެއްވަރު ވުމުން މެންޗެސްޓަރއަށް މިހާރު ލިބިފައިވަނީ 21 މެޗުން 41 ޕޮއިންޓެވެ. އަދި އެއްވަނައިގާ އުޅޭ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ ތިން ޕޮއިންޓަށް އިތުުރުވެފައެވެ. އަދި މިރޭ ލެސްޓަރ ސިޓީ ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ މެންޗެސްޓަރ ތިންވަނައަށް ފަހަތަށް ޖެހިލާނެއެވެ. އާސެނަލް މިޙާރު އުޅެނީ 21 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ.