ކުޅިވަރު

ސިޑިބަރި ރަގަނޅު ގޮތުގައި ބޭނުން ކުރުމަށް ސްވިމިންގް އެސޯސިއޭޝަނުން އިލްތިމާސްކޮށްފި


ސްވިމިންގް ޓްރެކް ބޭނުން ކުރުމުގައި ތަނުގެ ރައްކާތެރިކަމާއި ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަށް ސްވިމިންގް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

މާލޭ ސްވިމިންގް ޓެރެކްގައި ހަދާފައިވާ ސިޑިބަރީގެ މަސައްކަތް ނިމި، މިހާރު އެތަންވަނީ އާންމު ރައްޔިތުންނަށް ހުޅުވާލާފައެވެ. މާލޭގެ ސްވިމިންގް ޓްރެކް އެންމެ ފުރަތަމަ ހިޔާކުރީ މާލޭގެ ސިޓީ ކައުންސިލް އުފެދިގެންދިޔައިރު، މައިޒާން އަލިބެ ކުރެއްވި މަސައްކަތުންނެވެ. ނަމަވެސް ރިންގް ރޯޑް ހެދުމަށް އެތަނުގައި ޖަހާފައިވާ ހިޔާގަނޑު ފަހުންވަނީ ނަގާފައެވެ. ޒަމާނީ ފެންވަރަށް ސްވިމިންގް ޓްރެކްގައި ސިޑިބަރިއެއް ހެދިގެންދިޔައީ މިސަރުކާރު އައިފަހުންނެވެ. މީގެ ކުރިން ވައިޑީޕީ ޕްރޮގްރާމްތަކާއި އިންޓަރ ސްކޫލް މުބާރާތްތައް ކުރިއަށްދާއިރު، ބެލެނިވެރިން ތިބެނީ އަވީގަ އަދި ވާރޭވެހޭ ދުވަސްވަރެއްނަމަ، އެސަރަހައްދުގައި ހިޔާވެވޭނެ ގޮތެއްވެސް މީގެ ކުރިން ނުހުރެއެވެ. ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާއީލް އަލީ ވިދާޅުވީ ސްވިމިން ޓްރެކް ސިޑިބަރި މިއީ ސްވިމިންގް ޓެރެކް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށެވެ. ވެހޭހާ ވަރޭއަކާއި އަވީގައި މިހާރު އެސަރަހައްދު ބޭނުން ކުރާ ފަރާތްތަކާއި ބެލެނިވެރިންވެސް ތިބެން ނުޖެހޭނެކަމަށް އިސްމާޢިލް އަލީ ވިދާޅުވި. އަދި އެތަނުގެ ސާފްތާހިރުކަމާއި އެތަނުގެ ތަކެތީގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ ވީހާވެސް ގިނަ ދުވަހު އެތަން ބޭނުން ކުރުމަށް، ވަރަށް މުހިންމުކަމެއްކަމަށް ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާއީލް އަލީ ވިދާޅުވި.

"މިތަންގިނަ ދުވަހު ބޭނުންކުރެވޭނީ ހުރިހާ ބޭފުޅުންގެވެސް އެއްބާރުލުން ލިބިގެން. ސާފްތާހިރުކަމަށް އިސްކަންދެއްވާ، އަދި މިތާގައި ހުރި ތަކެތި އެއްގޮތަކަށްވެސް ހަލާކުނުކޮށް، ކޮންމެ ބޭފުޅަކަށްވެސް ވެނިވަޑައިގެންފިނަމަ، އެފަތަ ކަންކަން ހުއްޓުވައި، އެފަދަ ފަރާތްތަކަށް ނަސޭހަތްތެރި ވުމަކީވެސް މިތަން ގިނަ ދުވަހު ބޭނުން ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިއްވަރަކަށް ވެގެންދާނެ. އަޅުގަނޑުމެންނަށް ރީތިތަނެއް ހެދިދާނެ، ނަމަވެސް ދިގު މުއްދަތަށް ތަން ބޭނުން ކުރެވޭނީ އެންމެންގެވެސް އެއްބާރުލުން ލިބިގެން." ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާއީލް އަލީ ބުންޏެވެ.