ވިޔަފާރި

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކުއާޓަރުގައި ލިބުނު 2.5 ބިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި ލިބުނު 1.3 ބިލިއަން ރުފިޔާ، 3 ވަނަ ކުއާޓަރުގައި ލިބުނު 1.5 ބިލިއަން ރުފިޔާ އަދި ފަހު ކުއާޓަރުގައި ލިބުނު 1.9 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިއެވެ. ތެލުގެ ވިޔަފާރިން އެސްޓީއޯއަށް މިދިޔަ އަހަރު 4.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ތެޔޮ ނޫން ވިޔަފާރިތަކުން ލިބުނު އާމްދަނީއަކީ 3 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބުނުއިރު، އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 409 މިލިއަން ރުފިޔާއެވެ. ވަކި ވަކި ކުއާޓަރުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 114 މިލިއަން ރުފިޔާ، 2 ވަނަ ކުއާޓަރުގައި 104 މިލިއަން ރުފިޔާ، 3 ވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާ އަދި 4 ވަނަ ކުއާޓަރުގައި 91 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ ލިބިފައެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ އެސްޓީއޯއަކީ ތަފާތު އެކި ވިޔަފާރިތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި މިދިޔަ އަހަރު އެކުންފުނީގެ ދަށުން ޝިޕިންގ ވިޔަފާރި ފަށާފައިވާއިރު، ޑިޖިޓަލް ބެންކިންގ ފަދަ ވިޔަފާރީގެ އިތުރު ދާއިރާތަކަށް ވަނުމަށްވެސް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ.