ޚަބަރު

ރަށްވެހިކަން ބަދަލުކުރެވޭ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 8 ވަނަ ދުވަސް


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިކަން ބަދަލުކުރެވޭނެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 8 ވަނަ ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިަބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އީސީން މިއަދު އާންމުކުރި އިޢުލާނުގައި ބުނީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާތީ، ރަށްވެހިކަން ބަދަލުކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، އަންނަ ފެބުރުއަރީމަހުގެ 8 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި އެ ތާރީޚްއަށް ފަހު ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށްވެސް އެކޮމިޝަނުން ވަނީ އަންގާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިކަން ބަދަލުކުރުން އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދީފައިވާާއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވަހަށެވެ.