ޚަބަރު

ޔޫއޭއީއާއި އިނގިރޭސިވިލާތާއި ދެމެދުކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލަނީ


އިނގިރޭސިވިލާތާއީ ޔޫއޭއީއާއި ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް އިނގިރޭސިވިލާތުން މެދުކަނޑާލައިފިއެވެ. އެއާއެކު ދުބާއީ އާއި ލަންޑަނާއި ދެމެދު އުދުހޭ ދުނިޔޭގެ އެންމެ މަޤުބޫލު ބައިނަލްއަޤްވާމީ ވައިގެ މަގު މިވަނީ ބަންދުވެފައެވެ.

އިނގިރޭސިވިލާތުން ބުނީ ކޯވިޑް-19ގެ ސަބަބުން ދަތުރުކުރުން މަނާ ޤައުމުތަކުގެ ލިސްޓަށް ޔޫއޭއީއާއި ބުރުންޑީއާއި ރުވަންޑާ އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ބަލިޖެހުމުގެ ފުރުޞަތު އިތުރު އަދި ވެކްސިނަށް ނުގުޑުމުގެ ފުރުޞަތު އޮތް ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހުގެ އައު ވައްތަރު އެ ޤައުމުތަކުގައި ފެތުރޭތީކަމަށް އިނގިރޭސިވިލާތުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ދަތުރުފަތުރާއިބެގޭ ވަޒީރު ގްރާންޓް ޝަޕްސް ވިދާޅުވީ ސަރުކާރުގެ އައު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި ދެ ޤައުމުގެ ރަށްވެހިކަން އޮންނަ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ޔޫއޭއީއާއި ބުރުންޑީއާއި ރުވަންޑާއަށް ދަތުރުކޮށްފައިވާނަމަ ނުވަތަ އެ ޤައުމުތަކުގައި ޓްރާންސިޓުވެފައިވާނަމަ އެ ފަރާތްތަކަށް އިނގިރޭސިވިލާތަށް އެތެރެ ނުވެވޭނެކަމަށެވެ. އަދި އެ ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި ދެ ޤައުމުގެ ރަށްވެހިކަން އޮންނަ ފަރާތްތަކުން ޤައުމަށް އެނބުރި އައުމަށްފަހު ދިހަ ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ދަތުރުފަތުރާއިބެހޭ ވުޒާރާއިންވަނީ ޔޫއޭއީގައި މިވަގުތު ތިބި އިނގިރޭސިވިލާތަށް އަނބުރާ ޤައުމަށް އައުމަށް އެދޭނަމަ އެހެން ކޮމާޝަލް މަގުތައް ބޭނުންކުރުމަށް ބުނެފައެވެ.

އެމިރޭޓްސްއާއި އިއްތިހާދު އެއާވޭސްއުން ބުނީ ޖަނަވަރީ މަހުގެ 29ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 13:00ގައި އެ ދެ އެއާލައިނުން އިނގިރޭސިވިލާތަށް ކުރާ ހުރިހާ ފަސިންޖަރު ފުލައިޓުތައް ހުއްޓާލާނެކަމަށެވެ.

ދުބާއީއާއި ލަންޑަނާއި ދެމެދު ދަތުރުކުރާ ވައިގެ މަގަކީ ދުނިޔޭގެ އެންމެ ބާރުބޮޑު މަގެވެ. އެއާލައިންތަކާއިބެހޭ މަޢުލޫމާތު އެއްކުރާ އޯއޭޖީއިން ބުނީ މި މަހުގެ ތެރޭގައިވެސް 190،365 ސީޓު ޝެޑިއުލް ދަތުރުތަކަށް ބޭނުންކޮށްފައިވާކަމަށެވެ.