ޚަބަރު

ނަން ނެގުމުގެ އެންމެފަހު ދުވަސް ފެބްރުއަރީ 11 - އީސީ


ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީޚަކީ އަންނަމަހުގެ 11 ވަނަ ދުވަސްކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުގެ މާރިޗުމަހުގެ 6 ވަނަދުވަހު ބޭއްވުމަށް ކުރިން ތައްޔާރުވަމުންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ނެގުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ ކޯވިޑާއި ގުޅިގެން އިންތިޚާބު ފަސްކުރަން ޖެހުމުގެ ފާސްކުރި ހާއްސަ ޤާނުނުގެ ދަށުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަދުވަސްކަމަށެވެ. އަދި އެދުވަހުގެ 14:00ގެ ފަހުން އެއްވެސް ކެނޑިޑޭޓަކަށް ނަން އަނބުރާ ނުނެގޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި އާއްމުކުރި ތާފާސް ހިސާބުތައް ދައްކާގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 100 ނަމެއް ވަނީ އަނބުރާ ނަގާފައެވެ. މިގޮތުން އެންމެ ގިނައިން ނަން ނަގާފައިވަނީ ކައުންސިލްތަކުން އަންހެންނުނަށް ހާއްސަކުރި 370 ގޮނޑިއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިންނެވެ. މިގޮތުން މި ގޮނޑިތަކަށް ކުރިމަތިލީ 41 މީހަކު ވަނީ ނަން ނަގާފައެވެ. އޭގެތެރޭގައި ހިމެނޭނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 20 ކެނޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ 8 ކެނޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ 12 ކެނޑިޑޭޓުންނެވެ.

ދެން އެންމެ ގިނައި ނަން ނަގާފައިވަނީ ކައުންސިލްތަކަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިންނެވެ. މިގޮތުން ކައުންސިލްތަކަށް ކުރިމަތިލީ 923 މީހުންގެ ތެރެއިން މިހާތަނަށް 37 މީހަކު ވަނީ ނަން ނަގާފައެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 14 ކެނޑިޑޭޓަކާއި ޕީޕީއެމްގެ 6 ކެނޑިޑޭޓަކާއި ޖޭޕީގެ 4 ކެނޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ 12 ކެނޑިޑޭޓުންނެވެ.

ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ކުރި ގޮނޑތަކަށް 14 މީހުން ހޮވަންޖެހޭއިރު މި ގޮނޑިތަކެއް ވާދަކުރަން ނިންމި ދެ ކެނޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.

އަތޮޅު ކައުންސިލްތަކުގެ ރައީސްކަމުގެ 18 ޖާގައަށް ވާދަކުރަން ހުށައެޅި 48 ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ނަމެއް ނަގާފައެއް ނުވެއެވެ. އަދި ހަތަރު ސިޓީގެ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރާ 13 ކެނޑިޑޭޓުންގެ ތެރެއިން އެކަކުވެސް ނަން ނަގާފައެއް ނުވެއެވެ. އެހެންނަމަވެސް ރަށު ކައުންސުިލްގެ ރައީސްކަމަށް ހޮވަންޖެހޭ 178 ޖާގަ އަށް ކުރިމަތިލި 437 ކެނޑިޑޭޓުންގެ ތެރެއިން 15 މީހަކު ވަނީ ނަންނަގާފައެވެ. އޭގެތެރޭގައެި ހިމެނޭނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ 3 ކެނޑިޑޭޓާއި ޖޭޕީގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 10 ކެނޑިޑޭޓުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ އެކި މަގާމުތަކަށް 982 ކެނޑިޑޭޓުން ހޮވަންޖެހޭއިރު މި މަޤާމުތަކަށް 2433 މީހުން ކުރިމަތިލިއެވެ. އެހެންނަމަވެސް ނަން ނެގުމުން މިހާރު މިއަދަދުވަނީ 2333 ތިރިވެފައެވެ. އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ނަން ނެގިނަމަވެސް އަލުން ކުރރިމަތިލުމުގެ ފުރުސަތެއް ނުލިބެއެވެ. ޤާނޫނުގެ މި ނިންމުން ބަދަލުކުރުމަށް އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށައެޅި މައްސަލަ އޮތީ ހުކުމާއި ހަމައިގައެވެ. އެހެންނަމަވެސް އަލުން ކުރިމަތިލާން ފުރުސަތު ދީފިނަމަ މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ލޯކަލް ކައުންށިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި ނަމަވެސް ބަޖެޓާއި އެހެނިހެން ބައެއް ދަތިިތައް ހުރިކަން އިލެކްޝަނަސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އިންތިކާބާއި ބެހޭ ޙާއްސަ ޤާނޫނު ބުނާގޮތުން މެއިމަހުގެ 10 ވަނަދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަން ޖެހެއެވެ. އަދި އެ މުއްދަތުގައި ނުބޭވޭނަމަ އެކަން 30 ދުވަހުގެ ތެރޭ ގައި މަޖލީހަށް އަންގަން ޖެހޭނެކަމަށްވެސް އެ ޤާނުނުގައިވއއެވެ.