ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ތިން ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ މަޝްވަރާކުރައްވައިފިއެވެ. ފޮރިން މިނިސްޓަރ މިމަޝްވަރާތައް ކުރެއްވެވީ މިބޭފުޅުންނާ އިއްޔެ ފޯނުން ގުޅުއްވައެވެ.
ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވީ ސިއެރަލިއޯންގެ ފޮރިން މިނިސްޓަރ ނަބީލް ތޫނިސް އާއި، މެލޭޝިޔާގެ ފޮރިން މިނިސްޓަރ ހިޝާމުއްދީން ހުސައިން އާއި، ބުރުނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރ ދާތޯ އެރިވަން ޔޫސުފްއާއެވެ.
މިމަޝްވަރާތަކުގައި އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކުގެ އިތުރުންވެސް ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވަރޗުއަލް ބައްދަލުވުންތައްވެސް ބާއްވަވާފައެވެ.
އެގޮތުން ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މަރކެޓްތަކަށް ބޭރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ތިމާވެއްޓާއި ކައުންޓަރ ޓެރަރިޒަމާ ގުޅޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަރޓޫ އެރިކުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި ކައުންޓަރ ޓެރަރިޒަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅެގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މަރކެޓްތަކަށް ބޭރުކުރެވޭނެ އިތުރު މަގުތަކާބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ކޯވިޑް-19އިގެ ސަބަބުން ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކަށް ހުރަސް އެޅިފައިވީނަމަވެސް އެކުވެރި ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ވެރިންނާއެކު މެދުކެނޑުމެއްނެތި މިނިސްޓަރ ޢަބްދުﷲ ޝާހިދު ގެންދަވަނީ މަޝްވަރާ ކުރައްވައި ގުޅުން ބަދަހިކުރައްވަމުންނެވެ.