ކުޅިވަރު

ނޯތު ކެރޮލައިނާ ކަރޭޖްގެ ބައެއް ޓެނިސް ތަރި ނައޯމީ އޮސާކާ ގަނެފި


އެމެރިކާގައި ފާހަގަކޮށްލެވޭ އަންހެން ފުޓްބޯޅަ ކްލަބެއް ކަމަށްވާ ނޯތު ކެރޮލައިނާ ކަރޭޖްގެ ބައެއް، އަންހެން ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ ގަނެފިއެވެ. ގްރޭންޑް ސްލޭމްގެ ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ފާހަގަކޮށްލެވޭ ޓެނިސް ތަރި އިންވެސްޓްކޮށްފައިވަނީ ކިހާވަރެއްކަމެއް އަދި ނައޯމީ ގަތީ ކްލަބްގެ ކިހާވަރެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ހަތަރު އަހަރު ކުރިން އުފެއްދި މި ކްލަބަކީ އެމެރިކާގައި އެންމެ މަތީ ފަންތި ކަމަށްވާ އެމެރިކާގެ ނޭޝަނަލް ވިމެންސް ސޮކަރ ލީގުގައި ވާދަކުރަމުންދާ ކްލަބެކެވެ. އަދި 2017 ވަނަ އަހަރު ކްލަބް އުފެއްދި ފަހުން އެކްލަބުން އަންނަނީ ރަގަޅު ކާމިޔާބީ ތަކެއް ހާސިލް ކުރަމުންނެވެ. މިގޮތުން ނޭޝަނަލް ވިމެންސް ސޮކަރ ލީގް ޗެމްޕިއަންޝިޕް 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އެޓީމް ކާމިޔާބުކޮށްފައިވެއެވެ.

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށްޓަކައި މެލްބަންގައި މިވަގުތު ހުރި ނައޯމީ ހާމަކުރިގޮތުގައި އޭނާގެ މުޅި ކެރިއަރގައިވެސް އޭނާގެ އެކުވެރި އަންހެން އެތުލީޓުންގެ ފަރާތުން ވަރަށް ލޯބި ލިބިފައިވާ ކަމަށާއި އަދި ނޯތު ކެރޮލައިނާ ކަރޭޖްގެ އެއް ވެރިޔާއަށް ވުމުން އެކަމާ ފަހުރުވެރިވާކަމަށެވެ. ދުނިޔޭގައި ތިންވަނަ އަށް ރޭންކް ކުރެވިފައިވާ އަންހެން ޓެނިސް ކުޅުންތެރިޔާ ނައޯމީ ވަނީ 2019 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމުގެ އިތުރުން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ޔޫ.އެސް. އޯޕަން ކާމިޔާބުކޮށްފައެވެ.