ކުޅިވަރު

ޓީސީ އަތުން މޮޅުވެ ގްރާންޑޭ ދެވަނައަށް


ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ.

މިއަދުގެ މެޗުގެ ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. ގްރާންޑޭ ލީޑުގައި އޮއްވައި ޓީސީ އަށް ލިބުނު ޕެނަލްޓީއެއްގައި ކަސިއުސް މެލްކޮމް ވަނީ 22 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ދަ ގްރާންޑޭ އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަހާއުއެވެ.

މިއަދުގެ މޮޅާއެކު ދަ ގްރާންޑޭ ދެ ވަނަ އަށް އެރީ 15 ޕޮއިންޓާ އެކުގައެވެ. ގްރާންޑޭ މޮޅުވުމުން 12 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ މިހާރު އޮތީ ތިން ވަނައިގައެވެ. ގްރީން ސްޓްރީޓްސް 11 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ނުވަ ޕޮއިންޓާއެކު ފަސް ވަނައިގައެވެ.