ޚަބަރު

އޮސްޓްރޭލިއާގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލަނީ


އޮސްޓްރޭލިއާގައި މުޖުތަމަޢުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ނުފެންނަތާ 11 ދުވަސް ވެފައިވާތީ އެ ޤައުމުގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވައިލުމަށް އެ ޤައުމުން ތައްޔާރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ބައެއް ސްޓޭޓުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެ ޤައުމުގެ އެންމެ ބައިބޯ ތިން ސްޓޭޓު ވަކިކޮށްދޭ ސަރަޙައްދީ ރޮނގުތައްވަނީ ބަންދުކޮށްފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާގެ ސިޑްނީގައި ބަލިފެތުރޭ މިންވަރު އިތުރުވުމުން އެ ސްޓޭޓުގެ ވެރިކަންކުރާ ސިޓީ، ނިއު ސައުތު ވޭލްސުން އެހެން ސްޓޭޓުތަކަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާންޖެހޭ ގޮތަށް ގިނަ ސްޓޭޓުތަކުންވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި އެ ސިޓީއިން ބައެއް ސްޓޭޓުތަކަށް ދަތުރުނުކުރެވޭގޮތަށް ހަރުކަށި އުސޫލުތަކެއްވެސް ބައެއް ސްޓޭޓުތަކުންވަނީ ޤާއިމްކޮށްފައެވެ.

ސިޑްނީގައި ބަލިފެތުރުން މިހާރުވަނީ މަޑުޖެހިފައެވެ. އެއާއިއެކު ސިޑްނީއާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވައިލުމާއިމެދު އެހެން ސްޓޭޓުތަކުން އޮތް ޖެހިލުންވުންވުންވަނީ ކުޑަވެފައެވެ.

ކުއީންސްލޭންޑުގެ ޕްރެމިއާ، އަނެސްޓޭޝިޔާ ޕަލަސަޒުކް ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިއު ސައުތު ވޭލްސްއަށް ކުއީންސްލޭންޑު ހުޅުވައިލާނެކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ދުރުގައި ތިބުމަށް މަޖުބޫރުވެފައިވާ ޢާއިލާއާއި ރައްޓެހިން އަލުން ބައްދަލުވާތަން ދެކިވަޑައިގަތުމަށް ބޭނުންވެލައްވާކަމަށެވެ.

މަޝްހޫރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންދާ ވިކްޓޯރިއާ ސްޓޭޓުންވަނީ ޖަނަވަރީ މަހުގެ 28ވަނަ ދުވަހުގައި އެ ސްޓޭޓުން ސިޑްނީއާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ހުޅުވައިލާނެކަމުގެ އިޝާރާތެއް ކޮށްފައެވެ. ވިކްޓޯރިއާއިން އާންމުންގެ ތެރެއިން ބަލިޖެހިފައިވާ މީހަކު ނުފެންނަތާވަނީ 22 ދުވަސް ވެފައެވެ.
ވިކްޓޯރިއާއިންވަނީ އެ ސްޓޭޓަށް ދަތުރުކުރާ މީހުންނަށް އެ ސްޓޭޓަށް އެތެރެވުމުގެ ހުއްދަ ދިނުމަށް ޚާއްޞަ ނިޒާމެއް ޤާއިމްކޮށްފައެވެ. އެގޮތުން އެހެން ސްޓޭޓުތަކުގެ ފަރާތުން އޮތް ނުރައްކަލުގެ މިންވަރަށް ބަލައި ފެހި، އޮރެންޖު ނޫނީ ރަތް ޒޯނުތައް އެ ނިޒާމުގެ ދަށުން ސަރަޙައްދުތައް ބަހައިލައެވެ. ރަތް ޒޯނުތަކުން އަންނަ މީހުންނަށް ވިކްޓޯރިއާއަށް އެތެރެވުމުގެ ޙުއްދަ ނުދޭއިރު އޮރެންޖު ޒޯންތަކުން ދަތުރުކުރާ މީހުން އެ ސްޓޭޓަށް އެތެރެވުމަށް ވިކްޓޯރިއާއަށް ދަތުރުކުރުމުގެ ތިން ދުވަސްކުރިން ހަދާފައިވާ ކޯވިޑް-19 ތަހުލީލެއްގެ ނަތީޖާ ބޭނުންވެއެވެ. ވިކްޓޯރިއާގެ ޕްރެމިއާ، ޑެނިއަލް އެންޑްރޫ ވިދާޅުވީ ޖަނަވަރީ މަހުގެ 29ވަނަ ދުވަހުން ފެށިގެން ނިއު ސައުތު ވޭލްސްގެ ސަރަޙައްދުތައް ރަތް ޒޯންތަކުގެ ތެރޭގައި ނުހިމެނޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް އާންމުންގެ ތެރެއިން 22،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 909 މީހުންވަނީ މަރުވެފައެވެ. އޮސްޓްރޭލިއާގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފެށުމުން އެ ޤައުމުގެ ބައިނަލްއަޤްވާމީ ސަރަޙައްދީ ރޮނގުތައްވަނީ ވަރަށް އަވަހަށް ބަންދުކޮށްފައެވެ. ފުރަބަންދުގެ ފިޔަވަޅުތަކާއި ގައިދުރުކަމުގެ ފިޔަވަޅުތައް އެ ޤައުމުގައިވަނީ ވަރަށް ހަރުކަށިކޮށް ތަންފީޒުކޮށްފައެވެ. ކޯވިޑް-19 ފެތުރެން ފެށުމުން އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައި ބަލިފެތުރޭ މިންވަރު މަދުކުރުމުގައި އެންމެ ކާމިޔާބު ދިހަ ޤައުމުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ.