ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކްއާޓަރ ފައިނަލަށްބާސެލޯނާ


ސްޕެނިޝް ކޮޕާ ޑެލް ރޭ ގައި ރަޔޯ ވަޔެކާނޯ އާއި އެފްސީ ބާސެލޯނާ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މިމުބާރާތުގެ ކްއާޓަރ ފައިނަލުން ބާރސާ ޖާގަހޯދައިފިއެވެ. ވަޔެކާނޯގެ ދަނޑުގައި ކުޅުނު މިމެޗް ބާރސާ ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާ ހައިރާންކަން ގެނެސްދިނީ ސްޕެނިޝް ދެވަނަ ޑިވިޜަންގެ ހަތަރު ވަނައިގާ މިވަގުތު އޮތް ވަޔެކާނޯ ޖެހި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާން ގާސިއާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަ މިނެޓްފަހުން ބާރސާގެ ކެޕްޓަން ލިއޮނެލް މެސީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ދާދިފަހުން މެސީއަށް ދެއްކި ރަތް ކަޑާއި ގުޅިގެން ދެ މެޗްގެ ސަސްޕެންޝަން ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އަދި މެޗްގެ 80 ވަނަ މިނެޓްގައި ފްރެންކީ ޑި ޖޮންގ ޖަހާދިން ލަނޑާއެކު މިމެޗް ބާރސާއަށް ކާމިޔާބުކުރެވުނެވެ.

ކޮޕާ ޑެލް ރޭ 30 ފަހަރު ކާމިޔާބު ކޮށްފައިވާ ބާރސާއަށް މިސީޒަންގައި ތަށްޓެއް ކާމިޔާބު ކުރުމަށް އެންމެ ރަގަޅު ފުރުސަތެއް އޮތީ މިބާރާތުންނެވެ. އެއީ ލީގުގައި އެއްވަނައިގައި އުޅޭ އެޓްލެޓިކޯއާ 10 ޕޮއިންޓްގެ ތަފާތެއް ހުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މާ އެދެވޭ ނަތިޖާއެއް ނެރެވޭނެ ކަމަކަށް ގިނަ ބަޔަކު ނުދެކޭތީއެވެ. އަދި ބާރސާއާ އެންމެ ވާދަވެރި މެޑްރިޑްގެ ދެޓީމް ކަމުގައިވާ އެޓްލެޓިކޯ އާއި ރެއާލްވެސްވަނީ ކޮޕާ ޑޭލް ރޭ މުބާރާތުން މިފަހަރު ކަޓާފައެވެ.