ކުޅިވަރު

ތާވަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓަރއިން ނަގާލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ތާވަލުގެ އެންމެ ފުލުގައި އުޅޭ ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކުރިމެޗުން ބަލިވެ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ނަގާލައިފިއެވެ. މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް ޝެފީލްޑް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ވާދަވެރި ކުުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެންޗެސްޓަރއިން ގިނަ އިރު ބޯލަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް ޝެފީލްޑްގެ ގޯލަށް މާބޮޑަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ. މިގޮތުން މިމެޗްގައި މެންޗެސްޓަރއިން 16 ހަމަލާ އުފެއްދި އިރު ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ 4 ހަމަލާއެވެ. މީގެ އެންމެ ބޮޑު ސަބަބަކަށްވީ ޝެފީލްޑްގެ ފަހަތަށް ކުޅެމުންދިޔަ ތިން ކުޅުންތެރިން ކަމަށްވާ ކްރިސް ބަޝާމް، އީތަން އެމްޕާޑޫ އަދި ފިލް ޖަގިއެލްކާ މިމެޗްގައި ރަގަޅަށް ޑިފެންޑް ކޮށް މެންޗެސްޓަރގެ ގިނަ ހަމަލާތަށް ދިފާއު ކުރުމެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ޝެފީލްޑްގެ ކީން ބްރަޔަން ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި މެންޗެސްޓަރއިން އެއްވަރު ކުރި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމްގެ ކެޕްޓަން ހެރީ މެގުއަޔަރއެވެ. މިލަނޑާއެކު މިސީޒަންގައި މިހާތަނަށް ހަތް މެޗްގައި ފަހަތުން އަރާ މެޗް ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރއިން މިމެޗްވެސް ފަހު ވަގުތު ކާމިޔާބު ކޮށްފާނެ ކަމަށް ހީވިއެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް މެޗް ނިމެން 16 މިނެޓަށް ވެފައިވަނިކޮށް ޝެފީލްޑްގެ އޮލިވަރ ބަރކްވަނީ ލަނޑެއް ޖަހައި އެޓީމަށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މިއީ ލީގުގައި މިފަހަރު ޝެފީލްޑް މޮޅުވި ދެވަނަ މެޗެވެ. އަދި މިއީ އިންގްލިޝް ޕްރިމިއަރ ލީގު މިހާރުގެ ފޯމެޓަށް 1992 ވަނަ އަހަރު ކުޅުނު ފުރަތަމަ މުބާރާތުގެ ފުރަތަމަ ދުވަހު މެންޗެސްޓަރ ބަލިކުރިފަހުން އެޓީމްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މި ނާކާމިޔާބީއާއެކު ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމަށް މެންޗެސްޓަރއަށް ލިބުނު ފުރުސަތު މިވަނީ މިވަގުތަށް ގެއްލިފައެވެ. މެންޗެސްޓަރއަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި އެވަޓަން އާއި ލެސްޓަރ ބައްދަލުކުރިމެޗް އެއްވަރު ވުމުން މިވަގުތު ތާވަލްގެ އެއްވަނައިގާ އެއް ޕޮއިންޓްގެ ތަފާތުން ކުރީގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. މިމެޗުން މޮޅުވި ނަމަވެސް ޝެފީލްޑް ޔުނައިޓެޑް އަދިވެސް އޮތީ ތާވަލްގެ އެންމެ ފަހަތުގައެވެ. އެއީ 20 މެޗް ކުޅެގެން ލިބިފައިވާ 8 ޕޮއިންޓާއެކުއެވެ.