ކުޅިވަރު

ކޮޕާ އިޓާލިއާގެ ސެމީފައިނަލަށް އެޓަލާންޓާ


ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި އެޓަލާންޓާ އާއި ލާޒިއޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް، މި މުބާރާތުގެ ސެމީފައިނަލުން އެޓަލާންޓާ ޖާގަހޯދައިފިއެވެ. މިމެޗް އެޓަލާންޓާ ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހައިދިނީ އެޓަލާންޓާގެ ބެރެޓް ޖިމްސިޓީއެވެ. ނަމަވެސް އޭގެ ދިހަ މިނެޓް ފަހުން ލާޒިއޯގެ ވެދާޓް މުރީގީވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ލާޒިއޯއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ފްރެންސެސްކޯ އަސޭބީ ޖަހައިދިން ލަނޑުން ލާޒިއޯ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ނަމަވެސް ލާޒިއޯއަށް މިލީޑު ދެމެހެއްޓޭވަރުވީ ތިން މިނެޓަށެވެ. މެޗްގެ 37 ވަނަ މިނެޓްގައި އެޓަލާންޓާގެ ރުސްލާން މިލިނޯވްސްކީ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިމެޗްގެ 53 ވަނަ މިނެޓްގައި އެޓަލާންޓާގެ ހޯސޭ ލުއިސް ޕަލޮމީނޯއަށް ރަތް ކަޑު ދެއްކުމުން މެޗްގެ ބާކީ އޮތް ބައި އެޓީމުން ކުޅެމުންދިޔައީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް މެޗްގެ 57 ވަނަ މިނެޓްގައި އެޓަލާންޓާގެ އެލެކްސީ މިރާންކުޗްވަނީ ލަނޑެއް ޖަހާ މިމެޗުން އެޓީމް މޮޅު ކޮށްދީފައެވެ. މިމެޗްގެ 67 ވަނަ މިނެޓްގައި އެޓަލާންޓާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ޑުވާން ޒަޕާޓާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު އެޓަލާންޓާ މި މުބާރާތުގެ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ސްޕެޒިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އިޓާލިއަން ސެރިއާގައި މިއަންނަ އާދިއްތަ ދުވަހު އެޓަލާންޓާ އާއި ލާޒިއޯ އަލުން ބައްދަލުކުރާގޮތަށް ހަމަޖެހިފައިވުމުން އަނެއްކާވެސް މިދެޓީމްގެ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.