ކުޅިވަރު

ކޮޕާ އިޓާލިއާގެ ސެމީފައިނަލުން އިންޓަރ މިލާން ޖާގަހޯދައިފި


ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި އިންޓަރ މިލާނާއި އޭސީ މިލާން ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލުން އިންޓަރ ޖާގަހޯދައިފިއެވެ. ފޯރިގަދަ އަދި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް އިންޓަރ ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައި، ލީޑު ނެގީ އޭސީ މިލާނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތަޖްރިބާކާރު ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗްއެވެ. އަދި މިހާފްގައި އިބްރަހިމޮވިޗާއި އިންޓަރގެ ފޯވަޑް ރޮމެލޫ ލުކާކޫގެ މެދުގައި ހިނގި ކުރިމަތިލުމެއް ހިނގައިދިޔައެވެ. ކުރިން އެއްކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ މިދެކުޅުންތެރިން އިޓާލިއަން ލީގަށް އައިފަހުން މިދެކުޅުންތެރިންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ދެން ފެނިގެންދިޔައީ ދެވަނަ ހާފްގެ ކުރީކޮޅު އިބްރަހިމޮވިޗް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ތަނެވެ.

އިންޓަރއިންވަނީ މިލާންގެ އެއް ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ފުރިހަމައަށް ނަގާފައެވެ. މިގޮތުން އެޓީމުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ކާމިޔާބުކުރިއެވެ. މިއީ މިލާންގެ ރަފައެލް ލިއާއޮ މިލާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިކޮލާ ބެރޭލާ އަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. އަދި އިންޓަރ މިމެޗުން މޮޅުވި ލަނޑު މެޗްގެ އިތުރުވަގުތުގެ ހަތްވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ކްރިސްޓިއަން އެރިކްސަންއެވެ.

މިކާމިޔާބީއާއެކު އިންޓަރ މި މުބާރާތުގެ ސެމީ ފައިނަލްގައި ބައްދަލުރާނީ ޔުވެންޓާސް އާއި ސްޕާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ހާމަކުރިގޮތުގައި އިބްރަހިމޮވިޗްވަނީ އޭނާގެ ޓީމްގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދިފައެވެ.