ޚަބަރު

ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް މޮޑާނާގެ ވެކްސިން ކާމިޔާބު


ކޯވިޑް-19އާއި ދެކޮޅަށް މޮޑާނާއިން ތައްޔާރުކޮށްފައިވާ ވެކްސިން، އެ ވައިރަހުގެ އައު ވައްތަރުތަކަށް ގުޑާނެކަމަށް އެމެރިކާގެ މޮޑާނާ ކުންފުނިން ބުނެފިއެވެ.

މޮޑާނާއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާ ކޯވިޑް-19ގެ އައު ވައްތަރުތަކާއި ދެކޮޅަށް މޮޑާނާގެ ވެކްސިނުން ރަނގަޅަށް މަސައްކަތްކުރާކަމަށެވެ. ނަމަވެސް ދެކުނު އެފްރިކާއިން ފެނިފައިވާ ވައިރަހުގެ އައު ވައްތަރާއި ދެކޮޅަށް ބޫސްޓަރ ވެކްސިނަށް ތައްޔާރުކޮށް އެ ވެކްސިން ތަހުލީލުކުރުމަށް ނިންމާފައިވާކަމަށް މޮޑާނާއިން ބުންޏެވެ. އެގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ތަހުލީލުތަކުގެ އިބްތިދާއީ ނަތީޖާތަކުން ވައިރަހުގެ އެ ވައްތަރާއި ދެކޮޅަށް ވެކްސިން މަސައްކަތްކޮށްފައިވާ މިންވަރު އެހެން ވައްތަރުތަކަށްވުރެ ދަށްކަމުގެ ނިޝާންތަކެއް ފެނިފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުންކަމަށް މޮޑާނާއިން ބުންޏެވެ.

ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް މޮޑާނާގެ ވެކްސިން މަސައްކަތްކުރާ މިންވަރު ޔަޤީންކުރުމަށްޓަކައި އެ ކުންފުނިންވަނީ އެ ވެކްސިންގެ ފުރިހަމަ ޑޯޒްކަމުގައިވާ ދެ ޑޯޒް ދީފައިވާ 8 މީހުންގެ ލޭގެ ސާމްޕަލުތައް ނަގާފައެވެ. އޭގެ އިތުރުން މޮޑާނާގެ ވެކްސިން ދީފައިވާ 2 ރާމާމަކުނެއްގެ ލޭގެ ސާމްޕަލުވެސްވަނީ ނަގާފައެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަހުގެ "B1.17" ވޭރިއަންޓްގެ ވައިރަހާއި ދެކޮޅަށް މޮޑާނާގެ ވެކްސިނުން އުފައްދާފައިވާ އެންޓިބޮޑީގެ މިންވަރާއި އެންމެ ފުރަތަމަ ފެތުރެންފެށި ވައިރަހުގެ ވައްތަރާއި ދެކޮޅަށް އުފައްދާފައިވާ އެންޓިބޮޑީގެ މިންވަރާއި ދެމެދުގައި ތަފާތެއް ފާހަގަވެފައެއް ނުވެއެވެ. ނަމަވެސް ދެކުނު އެފުރިކާއިން ފެނިފައިވާ "B1.135" ވޭރިއަންޓާއި ދެކޮޅަށް އެންޓިބޮޑީ އުފެދިފައިވާ މިންވަރު 6 ގުނަ ދަށެވެ. އެހެން ނަމަވެސް ވައިރަހާއި ދެކޮޅަށް ރައްކާތެރިކަން ލިބުމަށް ބޭނުންވާ އެންޓިބޮޑީގެ މިންވަރަށްވުރެ އިތުރަށް ދެކުނު އެފުރިކާގެ ވައިރަހާއި ދެކޮޅަށްވެސް ވެކްސިނުންވަނީ އެންޓިބޮޑީ އުފައްދާފައެވެ.

މޮޑާނާގެ ސީއީއޯ ސްޓެފޭން ބަންކެލް ވިދާޅުވީ ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް މޮޑާނާގެ ވެކްސިން ކާމިޔާބުކަމާއެކު މަސައްކަތްކުރާކަމަށް އިބްތިދާޢީ ތަހުލީލުތަކުގެ ނަތީޖާތަކުން ދައްކާފައިވާކަމަށާއި، އެ ނަތީޖާތަކުގެ ސަބަބުން ހިތްވަރު ލިބިފައިވާކަމަށެވެ. ނަމަވެސް ވެކްސިން ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ އެމްއާރުއެންއޭ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހުގެ ވައްތަރާއި ދެކޮޅަށް ބޫސްޓަރެއް ތައްޔާރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ދެކުނު އެފުރިކާގައި ފެތުރޭ ވައިރަހުގެ ވައްތަރުގެ އިތުރުން ކުރިމަގުގައި އުފެދިދާނެ ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް އިތުރަށް ވަރުގަދައަށް ބޫސްޓަރުތައް މަސައްކަތްކުރާނެތޯ އެ ކުންފުނިން ޔަޤީންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.