ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލް 10 ގައި


ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން ވިދާޅުވީ އިންތިޙާބުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަށާނެކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ.

އިންތިޚާބުގެ ތާރީހު އިއުލާންކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީީސް ވިދާޅުވީ މޭމަހުގެ 9 ވަނަދުވަހަށްވުރެ އިންތިޙާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށްނެތްކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ޤާނުނުން ކޮމިޝަނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަން މަޖިލީހަށް ހުށައެޅުންކަމަށެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބުގެ ތާރީހު އިއުލާންކުރުމުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިން މަސައްކަތް ކުރެވޭނެކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ ކޮބައިކަން އަންނަ ހޮނިހިރު ދުވަހު އާއްމުކުރާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބު ގުޅޭ ގޮތުން ވިސްނުމަށް ޕާޓީތަކުގައި އެދުނީ މައިގަނޑު މުހިއްމު ސަބަބުތަކާއި ހުރެކަަން ފާހަގަކުރައްވާފައެވެ. މި ގޮތުން ޕެންޑަމިކްތެރޭގައި އިންތިޚާބު ބާއްވާނަމަ އެއްވެސް އެއްޗެއް ނުގަނެ ހަމައެކަނި ސްޓާފުން ހޯދުމުން ކުރަންޖެހޭ ހަރަދުތަކަށް 44 މިލިއަން އބަ ހަރަދުކުރަންޖެހޭކަން ކޮމިޝަންގެ ރައީސް ޝަރީފު ފާހަގަކުރެއްވިއެވެ.

ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕެއިންކުރުމަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދޭތޯ ކޮމިޝަނުން ބައްލަވަމުން ގެންދަވާނެކަމަށެވެ. ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ކުރަންނުޖެހޭ ކަންކަން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި އެ ކޮމިޝަންގެ މައްޗަށް ލާޒިމުކުރާކަމަށެވެ. މިގޮތުން ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް ބުނިނަމަވެސް އެކަން ޤާނުނު ނުދަންނަކަމަށެވެ. ކޮމިޝަންގެ ޒިންމާއަކީ އެންމެންނަށްވެސް ވޯޓްލެވޭ ފުރުސަތު ހޯދާދައިނުންކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭގެ ޤައިޑްލައިނުން ގިނަ ކަންކަން ފަސޭހަކޮށްދެއްވާފައިވާކަން ހަބީބު ފާހަގަކުރެއްވިއެވެ.

ކޮމިޝަންގެ މެމްބަރުން ފުއާދު ތައުފީޤު ވިދާޅުވީ މި ފަހަރުގެ އިންތިޚާބަކީ މިހާތަނަށް ކުރަން ނުޖެހޭ ބޮޑު ހަރަދެއްކޮށްގެން އުނދަގޫތަކާއިއެކު ބާއްވާ އިންތިހާބެއްކަމަށެވެ. އިންތިޚާބު ބޭއްވުމަށް ފުރަތަމަ އެދުނީ 71 މިލިއަން ރުފިޔާކަމަށާއި އެހެންނަމަވެސް ލިބުނީ 51 މިލިއަންކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބު މިހާރު ބާއްވަންޖެހޭ ގޮތުން ގިނަ ހަރަދުތަކެއް އިތުރަށް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުރިން ރޭވިފައިވާ ގޮތަށްވުރެ ބޮޑަށް ދަތުރުފަތުރުކުރަން ޖެހުމާއި އިންތިޚާބަށް ބެކަޕް ފޯސެއް އެކުލަވާލަން ޖެހުމުން ހިނގާ ހަރަދުތައް އިތުރުވެ އިންތިޚާބު ބާއްވަން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާކަން ފުއާދު ފާހަގަކުރެއްވިއެވެ.