ޚަބަރު

ތިމަރަފުށިން ހައްޔަރުކުރި މީހުން، އޯލެވްލެ އިމްތިހާނެއް ހަދަމުންދިޔަ ތަނެއް ގޮއްވާލަން އުޅުނު - ފުލުހުން


ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، އެރަށުން ހައްޔަރުކުރި މީހުން ރޭވިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި އެންމެނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއްކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން

- އަބްދުﷲ ޝަރީފް، ތ ތިމަރަފުށި / ފެހިވިދުވަރުގެ ( 34 އަހަރު )
- އަޙްސަން މުހައްމަދު، ތ ތިމަރަފުށި / އަސްރަފީވިލާ ( 32 އަހަރު )
- އަލީ މުނީޒު، ތ ތިމަރަފުށި / ކެނެރީގެ ( 28 އަހަރު )
- މުހައްމަދު އާޞިރު، ތ ތިމަރަފުށި / އަސުރުމާގެ ( 34 އަހަރު )
- އަލީ އަރުހަމް މުހައްމަދު، ރ ކަނދޮޅުދޫ / ފެހިވިލާ ( 18 އަހަރު )
- ސަމާހު ޝަރީފް، ތ. ތިމަރަފުށި ސައިމާ ( 20 އަހަރު )

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / އަސްރަފީވިލާ، އަޙްސަން މުޙައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މީހަކަށް މަރުގެ އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / ކެނެރީގެ، ޢަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މުދަލަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ތަހުގީގު އާއްމުކޮށް ފުލުހުން ނެރުނު ބަޔާނުގައިވަނީ އެ އިދާރާއިން މި އޮޕަރޭޝަން ހިންގީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ތިމަރަފުށީގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެންކަމަށެވެ.

އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗްކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތުދީފައިވާކަންވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އައިސިސްގެ އަމީރެއް ހުރެ ހަމަލާއަށް މީހުންދިޔައީ ތަމްރީނުކުރަމުން

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގާ، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެން ކަމަށާއި މި މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ދަތުރު ނުކުރެވިއްޖެނަމަ، ޞަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ކުރިމަތީގައިކަމަށް ބުނެ އެ މީހުން މެރުމަށް ހިތްވަރުދީ އެކަމަށް ގޮވާލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި މި މެސެޖާއިއެކު ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވިކަމަށާއި މިގޮތުން 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރާފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެެވެ. އަދި މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ އާއި ގުޅިގެން ތިމަރަފުށީގެ 16 ގެއެއް ބަލައިފާސްކޮށް، "ނަސާޙް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހެއްގެ ފޯނުން، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސް ގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމާ ގުޅޭ ލިޔުމެއް ފެނިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އައިއީޑީއެއް ހަދަން ފެށި، ބައެއް ސާމާނު މޫދުއަޑިގައި ފޮރުވާފައި

މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 11ވަނަދުވަހު "ނަޞާޙް-3" ދޯނި ބަލައިފާސްކުރިއިރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވާކަމަށާއި އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައިފާސްކުރިއިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭކަމަށްބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާ ގުޅިގެން ބަލައިފާސްކުރި ގެއަކުން، އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުތަކުން އެފަރާތްތައް މަސައްކަތް ކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށްކަމަށާއި މިގޮތުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ފާހަގަކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ހަރަކާތް ހިންގުމަށް ޓީމުތަކެއް ކަނޑައަޅައި އެކުލަވާލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކުޑަކުދިންގެ ބޮލަށް އެރި އެކުދިން ދިޔައީ ހައްލަމުން

ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް
ފާހަގަކުރެވިފައިވެއެވެ. މިގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތިހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުން ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެރަށުގެ އާއްމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކިކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 2021 ޖަނަވަރީ 25 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެމީހުންގެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.