ކުޅިވަރު

އެކްސްޓްރީމް އީ ކާރު ރޭހުގައި ޖެންސަން ބަޓަން ވާދަކުރަން ނިންމައިފި


އެކްސްޓްރީމް އީ ކާރު ރޭހުގައި ފޮމިއުލަރ ވަން ކާރު ރޭހުގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ޖެންސަން ބަޓަން ވާދަކުރާކަން ހާމަކޮށްފިއެވެ. ބަޓަން ހާމަކުރާގޮތުގައި އޭނާ ވާދަ ކުރާނީ އޭނާގެ އަމިއްލަ ޓީމާއެކުއެވެ.
އިނގިރޭސިލާތަށް އުފަން ބަޓަންއަކީ އެކްސްޓްރީމް އީ ގައި ޓީމް ބައިވެރިކުރަން ނިންމި ފޯމިއުލަރ ވަން އަށް ނިސްބަތްވާ ތިންވަނަ ޑްރައިވަރެވެ. ބަޓަންގެ އިތުރުން ފޯމިއުލަރ ވަން ހަތް ފަހަރަށް ކާމިޔާބުކޮށްފައިވާ ލުއިސް ހެމިލްޓަން އާއި ނީކޯ ރޮސްބަރގް ވެސްވަނީ އެސްކްޓްރީމް އީ ގައި ޓީމް ބައިވެރިކުރުމަށް ނިންމާފައެވެ.
މިއަހަރުގެ އެޕްރީލްމަހު ފެށުމަށް ހަމަޖެހިފައިވާ އެކްސްޓްރީމް އީ ކާރު ރޭހަކީ އޮފް ރޯޑް އިލެކްޓްރިކް ކާރު ރޭސް މުބާރާތެކެވެ. އަދި މިބާރާތުގައި 10 ޓީމް ބައިވެރިވާއިރު ކޮންމެ ޓީމެއްގައި ފިރިހެން އަދި އަންހެން ޑްރަވަރެއް ވާދަކުރާނެވެ. ބަޓަންގެ ޖޭ.އެކްސް.ބީ.އީ. ޓީމްގެ ފަރާތުން ވާދަ ކުރާ އަންހެން ޑްރައިވަރު ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިއުލާން ކުރާނެކަމަށް އެޓީމުން ހަމަކުރެއެވެ.

ބަޓަން ހާމަކުރިގޮތުގައި އޭނާއަށް އަދި ކާރުވެސް ނުފެންނަ ކަމަށާއި އަދި ރޭސް ފެށުމުގެ ކުރިން ކާރު ޓެސްޓް ކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމެއް ވެސް އަދި ނޭނގޭ ކަމުގައި އޭނާ ހާމަކުރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރު ސީރީޒްއަކީ މޫސުމަށް އަންނަ ބަދަލުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުވެސް ހިމެނޭ ގޮތަށް ބާއްވަން ވިސްނާފައިވާ ރޭސް ތަކެކެވެ. މިގޮތުން މޫސުމުގެ ތަފާތު ދައްކުވާދޭ ފަސް ސަރަހައްދަކަށް އަމާޒުކޮށްގެން މިފަހަރުގެ ރޭސް ތައް ބާއްވާނެކަމަށް ވެއެވެ. މީގެތެރޭގައި ގްރީންލޭންޑް އާއި ބްރެޒިލްގެ އެމޭޒަން ސަރަހައްދު ހިމެނެއެވެ.