ޚަބަރު

ޤާސިމްގެ މަރު - އަދުހަމް އަނެއްކާވެސް ކުށަށް އެއްބަސްވާން ބޭނުން


ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު އެނާގެ ކުށަށް އަނެއްކާވެސް އިއުތިރާފުވާން ބޭނުންވާކަމަށް ބުނެފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލި މައްސަލާގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖލީހުގައި އަދުހަމްވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭރު އޭނާ ކުށަށް އިއުތިރާފުވީ އަދަބެއް ލުއި ލިބޭގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

އެހެންނަމަވެސް ކުށަށް އިއުތިރާފުވުމަށްފަހު އޭގެ 6 ދުވަސްފަހުން އަދުހަމްވަނީ އިއުތިރާފު އަނބުރާ ގެންގޮސްފައެވެ. ދައުވާއަށް އިންކާރުކުރަމުން އެދުވަހު އަދުހަމް ބުނީ ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމުގެ ފަރާތުން ވާހަކަދައްކަވަމުން ދައުލަތުގެ ފަރާތުން އޭނާއަށް ހަމަޖައްސާދިން ވަކީލު ވިދާޅުވީ އަދުހަމް އަލުން ކުށަށް އިއުތިރާފުވާން ބޭނުންވާކަމަށެވެ. އަދި ކުށުގެ އަދަބަށް ދެވޭ ލުއިތައްވެސް ބޭނުންވާކަމަށެވެ.

މިވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފުވުމަށް ހެދި އެއްބަސްވުމުގައި އެ އެއްބަސްވުމާއި ހިލާފުވެއްޖެނަމަ ލުއިތައް ނުލިބޭނެކަން އަދުހަމަށް އަންގާފައިވާނޭކަމަށެވެ. އެހެންކަމުން ކުށަށް ވީ އިއުތިރާފު އަނބުރާ ގެންގޮސްފައިވަތީ ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ވަކީލްވަނީ އެދިވަޑައިގެންފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ކުށަށް ވީ އިއުތިރާފު އުވާލުމުން އިއުތިރާފުގެ އެއްބަސްވުން ބާތިލުވިކަން މީގެ ކުރިން ކޯޓުން ނިންމާފައިވާނެކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރިޔަށް ގެންދަން ނިންމާ ދެ ފަރާތުން ހެކި ހުށައެޅުމުގެ ފުރުސަތު ކޯޓުން ވަނީ ދީފައެވެ. ދައުލަތުގެ ފަރާތުން ހެކި ހުށައެޅިނަމަވެސް އަދުހަމްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެތް ހުށައަޅާފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުން އަންނަ މަހުގެ 7 ވަނަދުވަހުގެ ކުރިން ހުށައެޅުމުގެ ފުރުސަތު ދިނުމަށްފަހުއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަދުހަމް ބަންދުކުރުމަށް ނިންމާފައިވާ ނިންމުމަށް ލުޔެއްދިނުމަށް އޭނާގެ ފަރާތުން އެދުނުނަމަވެސް ކޯޓުން ވަނީ ލުއިދޭން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމާފައެވެ.

2019 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީ ނެގުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ކުށަށް އިއުތިރާފުވަމުން އަދުހަމްބުނީ އެނާއަށް ޑްރައިވަރު ޤާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށެވެ. އަދި އެކުށަށް ތައުބާވެފައިވާކަމަށާއި ޤާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދޭކަމަށްވެސް އަދުހަމްވަނީ ބުނެފައެވެ.