ޚަބަރު

މި ސަރުކާރަކީ ރައްޔިތުންނަށް ލާބައާއި މަންފާއަށް އެދިގެން މަސައްކަތްކުރާ ސަރުކާރެއް: ޢިމްރާން


މި ސަރުކާރަކީ ރައްޔިތުންނަށް ލާބައާއި މަންފާއަށް އެދިގެން މަސައްކަތްކުރަމުންދާ ސަރުކާރެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މި ގޮތަށް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ފަށާފައިވާ ކެމްޕެއިން އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ މިސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ރައްޔިތުންނަށް އެކަމުން ފައިދާ ލިބޭނެ ގޮތަކަށެވެ. އަދި އެކަމަށް ސަރުކާރުން ދަނީ ކެނޑިނޭޅި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރަމުންކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. އެގޮތުން ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުންވެސް އެކަން ހާމަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު އިދިކޮޅު ފަރާތްތަކުން ހީކޮށްގެން ތިބީ ރާއްޖެ ބަނޑަށް ޖެހިގެންދާނެކަމަށެވެ. ނަމަވެސް ﷲގެ އިރާދަފުޅާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ހިކުމަތްތެރިކަމާއެކު އިޤްތިޞާދު މިވަނީ ހަމަމަގަށް އެޅެން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނި މި މަހުގެ 30 ވަނަ ދުވަހުއެވެ. ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތިލާފައިވަނީ ހޯމް މިނިސްޓަރ އަދި މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވަމުންދާ ޢިމްރާން ޢަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނައަށް އުފެދުނު ޕާޓީއެވެ. އެގޮތުން ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005ގައެވެ. ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި މެންބަރުން ތިބި އަދަދަކީ 6436 އެވެ.