ޚަބަރު

"ޕްރޮމިސް"ގެ ނަމުގައި ސާފުކުރުމުގެ މަޝްރޫޢެއް އިފްތިތާޙުކޮށްފި


"ޕްރޮމިސް – ޕްރިވެންޝަން އޮފް މެރައިން ލިޓަރއިން ދަ ލަކްޝަދީޕް ސީ"ގެ ނަމުގައި ސާފުކުރުމުގެ މަޝްރޫޢެއް އިފްތިތާޙުކޮށްފިއެވެ.

ހުޅުމާލެ ފޭސް 2ގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

ޕްރޮމިސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަންއިން އިސްނަންގަވައިގެން އޭޝިޔާގެ ޤައުމުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިޔަށްގެންދާ ސްވިޗް އޭޝިޔާ ޕްރޮގްރާމުގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ލަކްޝަދީޕް ކަނޑު ނުވަތަ އިންޑިޔާގެ ކެރަލާ ސްޓޭޓްގެ ވެސްޓް ކޯސްޓާއި ސްރީލަންކާގެ ވެސްޓް އަދި ސަދަން ކޯސްޓާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އުކާލެވޭ ޕްލާސްޓިކްގެ ޢަދަދު މަދުކުރެވިގެންދާނެއެވެ.

ޕްރޮމިސް ޕްރޮޖެކްޓްގެ މެނޭޖަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ މި ޕްރޮޖްކްޓް މެނޭޖްކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ހަވާލުކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީއާއެވެ. އެއާއެކު ޔުނިވަރސިޓީއަށް މި ޕްރޮޖެކްޓުގެ ސަބަބުން ތަޖުރިބާތައްވެސް ލިބިގެންދާނެކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

"މުޅި މި އެންޓަޔަރ ޕްރޮޖެކްޓް މެނޭޖްކުރުމަށް ޔޫރަޕިއަން ޔޫނިއަން ހަވާލުކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީއާ. އެހެންވީމަ އަޅުގަނޑުމެންނަށްވެސް ވަރަށް ބޮޑު ލަރނިންގ އެކްސްޕީރިއަންސްއެއް މި ޕްރޮޖެކްޓަކީ. އެމްއެންޔޫއަކީ މީހުން ބިނާކުރާ ތަނަކަށްވެފައި އަދި ވަކިން ޚާއްސަކޮށް މިފަދަ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓެއް މެނޭޖްކުރަން ލިބުމަކީ ދިވެހިރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް." ޑރ. ނަޒީރު ވިދާޅުވިއެވެ.

މޫދަށް އުކާލާ ޕްލާސްޓިކް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރަމުންދާ ޕާލޭއިން މި ޕްރޮޖެކްޓުގައި ބައިވެރިވާން ވަނީ ނިންމާފައެވެ. ޕާލޭގެ ޑައިރެކްޓަރ ފޮރ މޯލްޑިވްސް ޝާހީނާ ޢަލީ ވިދާޅުވީ މި ޕްރޮޖެކްޓުގެ މަޤްސަދަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު އޮޑިޓްކުރުމަށްފަހު އޭގެ ބަދަލުގައި ބޭނުންކުރާނެ ތަކެތި އުފެއްދުންކަމަށެވެ.

"މި ޕްރޮޖެކްޓުގެ މަޤްޞަދަކީ ޕާލޭގެ އެއަރ ސްޓްރެޓަޖީގެ ތެރެއަށް ސްމޯލް ޓު މީޑިއަމް ސައިޒް ބިޒްނަސްގެ ކާބަން ފުޓް ޕްރިންޓެއް އޮޑިޓްކޮށް އެމީހުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު ދެނެގަތުމަށްފަހު ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި އެމީހުންގެ ވިޔަފާރިތަކަށް ތަޢާރަފުކުރުން." ޝާހީނާ ވިދާޅުވިއެވެ.

މޫދަށް އުކާލާ ޕްލާސްޓިކް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރަމުންދާ ޕާލޭއިން މިޕްރޮޖެކްޓްގައި ބައިވެރިވާއިރު، ޕާލޭއިން ހާމަކުރާ ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން އިންޑިޔާ، ސްރީލަންކާ އަދި ރާއްޖޭގައި ސާފުކުރުމުގެ 3000 އަށްވުރެ ގިނަ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ.