ޚަބަރު

އެމެރިކާއަށް އެތެރެވާ މީހުން ކަރަންޓީނުވާންޖެހޭ އުސޫލާއިމެދު ހިތްހަމަނުޖެހުން


ބޭރު ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެކަމަށް އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ނިންމެވުމާއެކު އެމެރިކާގެ ޓްރެވެލް އިންޑަސްޓްރީ ތަމްޞީލުކުރާ ޖަމުޢިއްޔާތަކުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ޖަނަވަރީ މަހުގެ 21ވަނަ ދުވަހުގައި ރައީސް ބައިޑަންވަނީ ބޭރު ޤައުމުތަކުން ވައިގެ މަގުން އެމެރިކާއަށް އެތެރެވާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެކަމަށް އަންގާ، ރިޔާސީ އަމުރެއް ނެރުއްވާފައެވެ. އޭގެ އިތުރުން ބައިޑަންގެ ސަރުކާރުންވަނީ އެމެރިކާއަށް އެތެރެވާ މީހުންގެ ތެރެއިން އުމުރުން ދެ އަހަރުން މަތީގެ ހުރިހާ ފަރާތްތައް ދަތުރު ފެށި ތާރީޚުގެ ކުރިން ތިން ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭގޮތަށްވެސް ނިންމައިފައެވެ. އެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރަން ފަށާނީ ޖަނަވަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެންނެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރީލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިންވަނީ ކޯވިޑް-19އަށް ތަހުލީލުކުރުމަށް ފަހުގައި އެމެރިކާއަށް ދަތުރުކުރާ ފަރާތްތަކުންވެސް ހަތް ދުވަހުގެ މުއްދަތައް ކަރަންޓީނުވުމަށް ލަފާދޭކަމަށް ބުނެފައެވެ.

ހޮޓާތަކާއި އެއާލައިނުތަކާއި ފަތުރުވެރިން ގެންނަ އޭޖެންސީތައްފަދަ ކުންފުނިތައް ތަމްސީލުކުރާ ޔޫއެސް ޓްރެވެލް އެސޯސިއޭޝަނުން ބުނީ ކޯވިޑް-19 ޖެހިފައި ނުވާކަން ޔަޤީންކޮށްދޭ ނެގެޓިވް ޓެސްޓެއް އޮތުމުގެ ބޭނުމަކީ ކަރަންޓީނުވާން ނުޖެހޭނެ ގޮތް މަގުފަހިކުރުންކަމަށެވެ. އެމެރިކާއަށް އަންނަ ފަރާތްތައް ކަރަންޓީނު ކުރާނަމަ އެއީ ތަންފީޒުކުރަން އުނދަގޫވާނެ ފިޔަވަޅެއްކަމުގައި އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އެމެރިކާގެ އެއާލައިނުތައް ތަމްސީލުކުރާ އެއާލައިންސް ފޮރ އެމެރިކާއިން ބުނީ އެކަށީގެންވާ ގޮތަކަށް ތަހުލީލުކޮށްގެން އެކަނިވެސް ކަރަންޓީނު ނުވެ ދަތުރުފަތުރުކުރެވިދާނެކަން ވައިޓްހައުސުން ބަލައިގަންނާނެކަމަށް އުންމީދުކުރާކަމަށެވެ. އެ ފަރާތުންވެސްވަނީ ކަރަންޓީނުވާންޖެހޭ ގޮތަށް ޤާއިމްކޮށްފައިވާ ޤަވާއިދުތަކަކީ ތަންފީޒުކުރުމަށް އުނދަގޫ އަދި ގިނަ ފަހަރަށް އޭގެ މާ ބޮޑު ފައިދާއެއް ނެތް ޤަވާއިދުތަކެއްކަމަށް ފާހަގަކޮށްފައެވެ.

ބައިޑަންވަނީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ރޭލާއި ބަހާއި މަތިންދާބޯޓުގެ މަގުން ދަތުރުކުރުމުގައި މާސްކު ބޭނުންކުރުން މަޖުބޫރުކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި އެތެރޭގެ ދަތުރުފަތުރާއިގުޅޭ އާންމު ޞިއްޙަތާއިބެހޭ ޚާއްޞަ ޤަވާއިދުތައް ހެދުމަށްވެސްވަނީ އަންގަވާފައެވެ. ސަރުކާރުގެ އޮފިޝަލުން ބުނީ އޭގެ ތެރޭގައި އެތެރޭގެ ދަތުރުރައް ކުރުމުގެ ކުރިން ހަދާފައިވާ ނެގެޓިވް ކޯވިޑް-19 ޓެސްޓެއް އޮތުން މަޖުބޫރުކުރުން ހިމެނެނުން އެކަށީގެންވާކަމަށެވެ. ޔޫއެސް ޓްރޭވެލް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ރޯޖާ ޑައު ވިދާޅުވީ އެތެރޭގެ ދަތުރުތައް ކުރުމުގެ ކުރިން ކޯވިޑް-19އަށް ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮތުން މަޖުބޫރުކުރުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ މަސައްކަތެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ބައިޑަންގެ ސަރުކާރުންވަނީ ބުރެޒިލާއި ވިލާތުގެ ގިނަ ސަރަޙައްދުތަކަށް ފަހުގެ ތާރީޚެއްގައި ދަތުރުކޮށްފައިވާ ފަރާތްތަކަށް އެމެރިކާއަށް އެތެރެނުވެވޭގޮތް އަލުން ހެދުމަށް ރާވަމުންދާކަމަށް ބުނެފައެވެ. އެފަދަ ފަރާތްތަކަށް އެމެރިކާއަށް އެތެރެ ނުވެވޭގޮތަށް އޮތް ޤަވާއިދު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމާއި ދުރަށް ވަޑައިގަތުމުގެ ކުރިންވަނީ އުވާލައްވާފައެވެ.