ޚަބަރު

ސައުދީއަށްދިޔަ ދިވެހި ސިފައިންނާ ސަފީރު މުޙައްމަދު ޚަލީލް ބައްދަލުކުރައްވައިފި


ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެ ޤައުމަށް ދަތުރުކުރި ދިވެހި ސިފައިންނާ، ދިވެހިރާއްޖެއިން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައްދަލުކުރައްވައިފިއެވެ.

ސައުދީއަރަބިއްޔާގެ ރިއާދުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައިވަނީ ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން 4ސިފައިންގެ ބޭފުޅުންވަނީ އެ ޤައުމަށް ވަޑައިގަންނަވާފައެވެ. މީގެތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުޚުތާރެވެ.

މި ބޭފުޅުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ ސެންޓަރުގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސައުދީ އަރަބިއްޔާގައި ތިއްބެވުމުގެ ޚަރަދުތައް ހަމަޖައްސާފައިވަނީ އެ ޤައުމުގެ ފަރާތުންނެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.