ދުނިޔެ

ލޮކަބީ މައްސަލާގައި ލީބިޔާއިން އެއްބާރުލުންދޭނެ - ލީބިޔާ


ލޮކަބީ އެއާރލައިން އަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައިވާ ކަމަށް ބެލެވޭ ދެމީހެއްގެ މައްސަލައިގައި ލީބިޔާއިން އެއްބާރުލުންދޭނެ ކަމަށް އެޤައުމުން ބުނެފިއެވެ.



ލީބިޔާ ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންތަކެއް މިހެން ބުނެފައިވަނީ ލޮކަބީ އެއާރލައިން ބޮމުގެ ހަމަލާގެ ފަހަތުގައިވެދާނެ ކަމަށް ބެލެވޭ އިތުރު ދެމީހެއްގެ ނަން ސްކޮޓްލެންޑާއި އެމެރިކާގެ ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ. މިދެމީހުންނަކީ ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުޢައްމަރުލް ގައްޒާފީގެ ވެރިކަމުގައި އެޤައުމުގެ އިންޓެލިޖެންސްގެ ވެރިޔާ އަބްދުﷲ އަލް-ސަނޫސީގެ އިތުރުން އަބޫ މަޖީލާ މަސްޢޫދުއެވެ.



އެކި މައްސަލަތަކުގެ ތުހުމަތުގައި ހިފެހެއްޓުނު އަބްދުﷲ އަލް-ސަނޫސީގެ މައްޗަށް މިދިޔަ ޖުލައި މަހު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މިދެމީހުން މިހާރު ތިބީ ލީބިޔާގެ ޓްރިޕޮލީގައި ހުންނަ އެލް ޙައްބާ ޖަލުގައެވެ.ލީބިޔާއިން މިދެމީހުންގެ މައްސަލައިގައި އެއްބާރުލުންދޭނެކަމަށް އެޤައުމުން ބުނާއިރު ބައިނަލްއަޤްވާމީ މުޖުތަމަޢުން އެޤައުމުގެ ސަރުކާރު ބަލައިގަތުމަށް ދެކޮޅުހަދާ ކަމަށް ރޮއިޓާރސްއާ ވާހަކަދެއްކި އެޤައުމުގެ ސަރުކާރުގެ
އޮފިޝަލުން ބުނެއެވެ. ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުޢައްމަރުލް ގައްޒާފީ މަރާލިތާ މިހަފްތާއަށް ހަތަރު އަހަރު ހަމަވާއިރު، ލީބިޔާގެ ދެސަރަހައްދެއްގައި ހިންގަމުންދަނީ
ވަކި ދެސަރުކާރެއްގެ ބާރެވެ.