ޖަނަވަރީ މަހުގެ 10ވަނަ ދުވަހުން ފެށިގެން ޗައިނާގެ ރަން މައިނެއްގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އެކަކު ސަލާމަތްކޮށްފިއެވެ.
ޝީޗިޔާގައި ހުންނަ ހުޝާން މައިންގައި ގޮވުމުގެ ސަބަބުން އެ މައިންގައި މަސައްކަތްކުރަމުންދިޔަ 22 މީހުންވަނީ އެ ތަނުގެ ތެރޭގައި ތާށިވެފައެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާކަން ޔަޤީންވެފައިވާއިރު ދިރިތިބިކަން މިހާތަނަށް ޔަޣިންކުރެވިފައިވަނީ 11 މީހުންނެވެ. ބާކީތިބި 10 މީހުންނަށް ވީނުވީއެއް ނޭނގެއެވެ.
މައިންގައި ތާށިވެފައި ތިބި މީހުން 10 ތިބީ އެމައިނަށް ވަންނަ ދޮރާއްޓާއި 600 މީޓަރު ދުރުގައެވެ. އެމީހުންނަށް މިހާރުވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޮނުވާފައެވެ. އެހެން ސަރަޙައްދަކުންވެސް އިތުރު މީހަކުވަނީ ފެނިފައެވެ. އެމީހުން ސަލާމަތްކުރުމަށް 15 ދުވަސް މަޑުކުރަން ޖެހިދާނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުންވަނީ ބުނެފައެވެ.
ޗައިނާގެ ސީސީޓީވީން ބުނީ މައިނުގައި ދިރިހުއްޓާ ފެނިފައިވާ އެކަކު މިހާރު ސަލާމަތްކޮށްފައިވާކަމަށާއި އޭނާ ފެނުނު އިރު އޭނާގެ ޙާލަތު ވަރަށް ދެރަކަމަށެވެ. އޭނާއަކީ މައިނުގެ އެއް ސަރަޙައްދެއްގައި ތާށިވެފައި ތިބި މީހުންނާއި ވަކިން އެހެން ސަރަޙައްދެއްގައި ތާށިވެފައި ހުރި މީހެކެވެ. އެމީހާ ތާށިވެފައި ހުރި ސަރަޙައްދަކީ އެހެން މީހުން ތިބި ސަރަޙައްދަށްވުރެ ކައިރި ހިސާބަކެވެ.
ބިމުގެ 100 މީޓަރު އަޑީގައި ބާރަވަނަ މީހަކު ތާށިވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުންވަނީ ލަފާކޮށްފައެވެ. ބާކީ ތިބި ނުވަ މީހުންގެ ހިލަމެއް މިހާތަނަށް ވެފައި ނުވާއިރު، އެމީހުން ދިރިތިބިކަމުގެ އުންމީދުވަނީ ކުޑަވެފައެވެ.
ޗައިނާގެ މައިންތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މައިންތަކުގައި ހިމެނޭ މައިންތަކެވެ. މައިންތަކުގައި ހިތާމަވެރި ހާދިޘާތައް ހިންގުމަކީ ޗައިނާގައި ޢާންމުކަމެކެވެ. އެ ދާއިރާގެ ސަލާމަތީ ކަންކަމަށް މާ ބޮޑު ފަރުވާލެއް އެ ޤައުމުގައި ނުބަހައްޓައެވެ. އަދި ޤާއިމްކޮށްފައިވާ ޤަވާއިދުތަކަށް ގިނަ ފަހަރު ޢަމަލެއް ނުކުރެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ގުއިޒޫ ޕުރޮވިންސުގައި ހިންގި ހާދިޘާއެއްގައި 14 މީހުންވަނީ މަރުވެފައެވެ. އޭގެ ކުރީ އަހަރުގެ ޑިސެމްބަރުމަހުގައިވެސް ޗޮންގްކިންގުގެ މައިނެއްގައި ހިންގި ނުރައްކާތެރި ހާދިޘާއެއްގައި ހަތް މީހުންވަނީ މަރުވެފައެވެ. ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހުގައި ޝަންޑޮންގު ޕުރޮވިންސުގެ މައިނެއްގައި 22 މީހުންވަނީ މަރުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް މައިންތަކާއި ގުޅުންހުރި 573 މަރު އެ ޤައުމުގައިވަނީ ދަފްތަރުކޮށްފައެވެ.