ކުޅިވަރު

އެޓްލާންޓާއާއި އޭ.ސީ. މިލާންގެ މެޗް އެޓްލާންޓާ ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި ތާވަލްގެ އެއްވަނައިގާ އުޅޭ އޭ.ސީ. މިލާނާއި އެޓްލާންޓާ ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު އެޓްލާންޓާ ކާމިޔާބުކޮށްފިއެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓްލާންޓާ ކާމިޔާބުކުރީ 3 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ އެޓްލާންޓާގެ ކްރިސްޓިއަން ރޮމޭރޯއެވެ. އަދި މެޗްގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓްލާންޓާއަށް އެޓީމްގެ ލީޑު ފުޅާކޮށްދިނީ ޔޯސިޕް އިލިޗިޗްއެވެ. މިއީ މިލާންގެ ޕެނަލްޓީ އޭރިއާ ތެރެއިން އިލިޗިޗްއަށް މިލާންގެ ފްރޭންކް ކެސީ ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. އަދި އެޓްލާންޓާގެ ތިންވަނަ ލަނޑު ޖަހާދިނީ ރޭގެ މެޗްގައި އެޓީމަށް މޮޅު ކުޅުމެއް ދެއްކި ޑުވާން ޒަޕާޓާއެވެ. މިމެޗްގައި މިލާނުން މިސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ.

މި ނާކާމިޔާބީއާއެކު ޕޮއިންޓް ތާވަލްގައި މިލާންއަށް ލިބިފައިވާ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފައެވެ. އެއީ ދެވަނައިގާ އުޅޭ އިންޓަރ މިލާން ރޭ ކުޅުނު މެޗު އެއްވަރުވުމުންނެވެ. މިމެޗް ކާމިޔާބު ކުރުމާއެކު އެޓްލާންޓާ މިހާރުވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިލާނަށް ލިބިފައިވަނީ 19 މެޗުން 43 ޕޮއިންޓެވެ.