އިނގިރޭސި އެފް.އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި އެންމެފަހުގެ ޗެމްޕިއަން އާސެނަލް އާއި ސަދެމްޓަން ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ ފަސްވަނަ ބުރުން ސަދެމްޓަން ޖާގަހޯދައިފިއެވެ. ސަދެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1 ލަނޑު ސުންލަނޑުންނެވެ.
މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗްގެ 24 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރ ގެބްރިއަލްއަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިލަނޑު ގެބްރިއަލްއަތުން ބައިކޮޅަށް ވަނީ ސަދެމްޓަންގެ ކައިލް ވޯކަރ ޕީޓަރސް ނަގާދިން ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ. މިމެޗްގައި އާސެނަލްގެ ފަރާތުން ފަހަކަށް އައިސް އެޓީމްގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު މި މުބާރާތުގެ ފަސްވަނަ ބުރުގައި ސަދެމްޓަން ވާދަކުރާނީ ވުލްވަރހެމްޓަން ވޮންޑަރަރސްއާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ މި މުބާރާތުން ވަކިވާން ޖެހުމުން ދެރަވާ ކަމަށާއި މިމެޗްގައި ބައެއް ކަހަލަ ގޯސްތައް އޭނާގެ ކުޅުންތެރިންނަށް ހެދުނީކަމަށެވެ. އަދި މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެއް ކަމުގައިވެސް އާޓެޓާ ހާމަކުރިއެވެ.