ދުނިޔެ

އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް، ލެރީ ކިންގް މަރުވެއްޖެ


އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް، ލެރީ ކިންގުް މަރުވެއްޖެއެވެ.

ސީއެންއެންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ލެރީ ކިންގް މަރުވީ ލޮސް އެންޖެލެސްގެ ސެޑާސް ސައިނާއީ މެޑިކަލް ސެންޓަރުގައި ފަރުވާދެމުންދަނިކޮށެވެ. މިދިޔަ މަހުގެ ފަހުކޮޅުގައި ކޯވިޑް-19 ޖެހިގެން އެ ހަސްފަތާލުގައި އޭނާ އެޑްމިޓުކޮށްފައިވާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުންވަނީ ބުނެފައެވެ. އޭނާ މަރުވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަރުވިއިރު އުމުރަކީ 87 އަހަރެވެ.

ލެރީ ކިންގުވަނީ ބްރޯޑްކާސްޓް މީޑިޔާގެ ދާއިރާގައި 65 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ. ލެރީ ކިންގުގެ ދިގު ކެރިއަރުގައި ރައީސުންނާއި ސިޔާސީ ލީޑަރުންނާއި އެކި ފަންތީގެ ސެލެބްރިޓީންނާއި ކުޅިވަރުކުޅޭ މީހުންނަށް އޭނާވަނީ 50،000އަށްވުރެ ގިނަ އިންޓަވިއުކޮށްފައެވެ. 25 އަހަރުވަންދެން ސީއެންއެންއިން ގެނެސްދިން މަޝްހޫރު ލެރީ ކިންގް ލައިވް ޝޯގެ 6،000 އަށްވުރެ ގިނަ އެޕިސޯޑު އޭނާވަނީ ހުށަހަޅާފައެވެ. 2010ވަނަ އަހަރުގެ ތެރޭގައި ލެރީ ކިންގް ރިޓަޔާކުރުމަށްފަހު އޭގެ ފަހުން އޭނާވަނީ ހުލޫއާއި ރަޝިޔާގެ އާރުޓީ ޗެނަލުން ގެނެސްދީފައިވާ ލެރީ ކިންގް ނައު ކިޔާ ޝޯވއެއް ހުށަހަޅައިދީފައެވެ.