ދުނިޔެ

ސޫރިޔާގެ ހާލަތަށް އަސަދުގެ ދަތުރުފުޅުން ފައިދާއެއްނުކުރާނެ


ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާއަށް
ކުރެއްވި ދަތުރުފުޅުގެ ސަބަބުން ހައިރާން ނުވާކަމަށާއި މިދަތުރުފުޅުގެ ސަބަބުން
އެޤައުމުގެ ހާލަތަށް އެދެވޭ ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރާ ކަމަށް
އެމެރިކާއިން ބުނެފިއެވެ.



އަސަދުގެ މިދަތުރުފުޅުގެ މައްޗަށް ބިނާކޮށް
އެމެރިކާއިން ސޫރިޔާގެ މައްސަލައިގައި ވަކި އެއްޗެއް ނުބުނާނެ ކަމަށް އެމެރިކާގެ
ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވިއެވެ. އަދި ސޫރިޔާގެ މައްސަލައިގައި
އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް މިކަމުގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށްވެސް ކާރބީ ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ކުއްލިގޮތަކަށް ރަޝިޔާއަށް
މި ކުރެއްވި ދަތުރުފުޅަކީ ރަޝިޔާއިން ސޫރިޔާގެ މަސްރަޙުގެ ތެރެއަށްވަދެ އަސަދުގެ
ސަރުކާރަށް އެހީތެރިވަމުންދާ ދިއުމަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރެއްވި
ދަތުރުފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަސަދުގެ މިދަތުރުފުޅަކީ 2011 ވަނަ އަހަރު އެޤައުމުގެ މަސްރަހު ގޯސްވިފަހުން ޤައުމުން ބޭރަށް އަސަދު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.