ވިޔަފާރި

އިތާފުށީގެ މުވައްޒަފުންނަށް މިދިޔަމަހު ސަރވިސް ޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާ!


މާލެ އަތޮޅުގައި ހިންގާ "ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓްގެ މުވައްޒަފުންނަށް މިދިޔަމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

ރިސޯޓް ވޯކާރސް މޯލްޑިވްސްއިން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އިތާފުށީގެ މުވައްޒަފުންނަށް ޖެނުއަރީމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި 3340 ޑޮލަރު ވަނީ ދީފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 51502 ރުފިޔާއެވެ.

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި ރިސޯޓަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި ރިސޯޓެކެވެ.

ބޮޑެތި އަދަދުން ސަރވިސް ޗާޖު ދިން އެހެން ރިސޯޓްތަކަށް ބަލާލާއިރު، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންވެސް ވަނީ މުވައްޒަފުންނަށް ބޮޑު ސަރވިސް ޗާޖެއް ދީފައެވެ. އެރިސޯޓުން ޖެނުއަރީމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3007 ޑޮލަރުއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 46367 ރުފިޔާއެވެ.

އަންނަތަރާ ކިހަވަށް މޯލްޑިވްސްއިން ކޮންމެ މުވައްޒަފަކަށް 2097 ޑޮލަރު ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާއިރު، އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 32335 ދިވެހި ރުފިޔާއެވެ.

ސަރވިސް ޗާޖުގެ ގޮތުގައި ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް ރަނގަޅު އަދަދެއްގެ އާމްދަނީއެއް ދެމުންދާއިރު، ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖު ނުދޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ މައްސަލައެކެވެ. ނަމަވެސް ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދިނުމަށް ލާޒިމްކޮށްފައެވެ.