ޚަބަރު

މޮޑާނާ ވެކްސިނުން ކުރިމަތިވާ އެލާޖިކްތައް މަދު: ސީޑީސީ


ކޯވިޑް-19އާއި ދެކޮޅަށް އުފައްދާފައިވާ މޮޑާނާގެ ވެކްސިންގެ ސަބަބުން ކުރިމަތިވާ އެލާޖިލް ރިއެކްޝަންތައް މަދުކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީއިން ބުނެފިއެވެ.

އެމެރިކާގައި މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މޮޑާނާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ވެކްސިން ދީފައިވާ މީހުންގެ މަޢުލޫމާތަށް ބަލާއިރު އެލާޖީގެ ސަބަބުން އަންނަ އެނަފިލެކްސިސް ރިއެކްޝަން އައިސްފައިވަނީ ވެކްސިން ދީފައިވާ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން 2.5 މީހުންނަށެވެ. ސީޑީސީން ބުނީ ކޯވިޑް-19 ވެކްސިންގެ ސަބަބުން އެނަފިލެކްސިސްގެ ނުރައްކާ އޮންނަ މިންވަރު ކޯވިޑް-19 ވެކްސިން ނޫން ވެކްސިންތަކާއި އަޅާކިޔުމަކީ އުނދަގޫ ކަމެއްކަމަށެވެ. އޭގެ ސަބަބަކީ ކޯވިޑް-19 ވެކްސިން މަޝްރޫޢު އަދިވެސް އޮތީ އެންމެ ފުރަތަމަ މަރުހަލާގައިކަމަށް ވުންކަމަށް ސީޑީސީއިން ބުންޏެވެ.

ޖަނަވަރީ މަހުގެ 10ވަނަ ދުވަހާއި ހަމައަށް ދެ ޑޯޒް ހިމެނޭ މޮޑާނާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ 4.04 މިލިއަން މީހުންގެ ތެރެއިން އެނަފިލެކްސިސް ރިއެކްޝަން އައިސްފައިވަނީ 10 މީހުންނަށްކަމަށް ސީޑީސީގެ މޯބިޑިޓީ އެންޑް މޯޓަލިޓީ ވީކްލީ ރިޕޯޓުގައިވަނީ ބުނެފައެވެ. ސީޑީސީއިން ބުނީ މޮޑާނާގެ ވެކްސިންގެ ސަބަބުން ދިމާވާ އެލާޖީގެ މައްސަލަތަކަކީ ފައިޒަރއާއި ބަޔޯއެންޓެކުން ތައްޔާރުކޮށްފައިވާ ވެކްސިންގެ ސަބަބުން ދިމާވާ އެލާޖީތަކާއި ދާދި އެއްކަހަލަ އެލާޖީތަކެއް ކަމަށެވެ. މި މަހުގެ ކުރީކޮޅުގައި ސީޑީސީއިންވަނީ ފައިޒަރއާއި ބަޔޯއެންޓެކުގެ ވެކްސިނަށް އެލާޖިކްވާ މިންވަރަކީ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން 11.1 މީހުންކަމަށް ބުނެފައެވެ.

ފައިޒަރ އަދި މޮޑާނާގެ ވެކްސިން ޖެހުމުންވެސް އެލާޖިކް ރިއެކްޝަން އައި މީހުންގް ފަރާތުން އެކަމުގެ އަލާމާތްތައް ފެނިފައިވަނީ ވެކްސިން ޖެހުމުގެ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ މައްސަލަ ބޮޑަށް ފާހަގަވެފައިވަނީ އަންހެނުންގެ މެދުގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މީގެ ކުރިންވެސް އެލާޖީގެ މައްސަލަތައް ދިމާވާ މީހުން އަދި މީގެ ކުރިންވެސް އެތައް ފަހަރަކު އެނަފިލެކްސިސް ކުރިމަތިވެފައިވާ މީހުންކަމަށް ސީޑީސީއިން ބުންޏެވެ.

ސީޑީސީއިން ބުނީ ވެކްސިންދޭ މަރުކަޒުތަކުގައި ވެކްސިން ޖަހާ ފަރާތްތައް ސްކްރީންކޮށް، އެނަފިލެކްސިސް ރިއެކްޝަނެއް އައިސްފިނަމަ އެކަމަށް ފަރުވާދޭން ބޭނުންވާ ވަޞީލަތްތަކާއި މުވައްޒަފުން އެ ސެންޓަރުތަކުގައި ތިބެންވާނެކަމަށް ބުނެފައެވެ. އެފަދަ ރިއެކްޝަން އަންނަ މީހުންނަށް އެޕިނެފްރިން އިންޖެކްޝަން ބޭނުންކޮށްގެން ވަގުތުން ފަރުވާދިނުމަށް ސީޑީސީއިންވަނީ އިރުޝާދުދީފައެވެ.