ދުނިޔެ

ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ފަށައިފި


ބްރެޒިލްގެ ރައީސް ޑިލްމާ ރޫސެފް މަގާމުން
ދުރުކުރުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަލުން މަސައްކަތް ފަށައިފި އެވެ.



ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށް
ކެމްޕެެއިން ކުރެއްވި ދުވަސްވަރު ދައުލަތުގެ މާލީ ހިސާބުތައް ރޫސެފް
ބަދަލުކުރައްވާފައިވާ ކަމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.




މި މައްސަލަ އެގައުމުގެ ގާނޫނުހަދާ މަޖިލިހުން
ބަލައިގަނެފިނަމަ، މަޖިލިހުން މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރުމަށްފަހު،
މައްސަލަ އިތުރަށްބަލާ، ރޫސެފް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށޭނެކަމަށް
ބެލެވެ އެވެ.



ރޫސެފް މަގާމުން ދުރުކުރުމަށް އިދިކޮޅު
ފަރާތްތަކުން ފަށާފައިވަނީ މާލީ ހިސާބުތައް ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް އެގައުމުގެ
ފެޑެރަލް އޯޑިޓް ކޯޓަކުން ހުކުމް ކުރުމާއި ގުޅިގެންނެވެ.



ގާނޫނު ހަދާ މަޖިލުން ރޫސެފް މަގާމުން ދުރުކުރުމަށް
ފާސްކޮށްފިނަމަ، ދެން މަގާމާއި ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް މިކެލް
ޓަރނަރ އެވެ. ނަމަވެސް، މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން
މަޖިލިހުން ބަލައިގަތުމާއި މެދު މަޖިލިހުގެ ރައީސް އަދި ވަކިގޮތެއް ނިންމާފައިނުވާ
ކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފައިވެ އެވެ. ބްރެޒިލްގައި ރައީސަކު މަގާމުން
ދުރުކުރުމަށް މަޖިލިހުގެ މަތިގެއަށް ހުށަހެޅުމަށް މަޖިލިހުގެ ތިރިގޭގައި
ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެންބަރުންގެ
ވޯޓު ބޭނުންވެ އެވެ.



އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ރޫސެފް
ވަނީ އިންކާރުކުރައްވާފަ އެވެ. އަދި، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ހިންގުން
ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރާ
ފިއްތުންތަކުގެ ސަބަބުން ގައުމުގެ ހިންގުމަށް އެއްވެސް ބަދަލެއް ނާންނާނޭ ކަމަށް
ރޫސެފް ވިދާޅުވި އެވެ.