ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އެންޑީ މަރީއަށް ވާދަނުކުރެވޭނެކަން ޔަގީންވެއްޖެ


އިނގިރޭސިވިލާތުގެ އެންޑީ މަރީއަށް މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރެވޭނެކަން ޔަގީންވެއްޖެއެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ފަސް ފަހަރަށް ވާދަކޮށްފައިވާ މަރީއަށް މިމުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވީ މުބާރާތުގައި އޭނާއަށް ކުޅެވޭނެ އެއްވެސް ގޮތެއްް އޮތްތޯ ބެލުމުގެ ގޮތުން މުބާރާތް އިންތިޒާމްކުރާ ފަރާތާއި އޮސްޓްރޭލިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުތުމުންނެވެ.

މިދިޔަ ހަފްތާގައި މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވި ޗާޓަރ ފްލައިޓެއްގައި މެލްބަންއަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް މަރީއަށް ފްލައިޓަށް ނޭރުނީ ކޮވިޑް 19 އަށް ޕޮސިޓިވް ވުމުންނެވެ. އަދި މެލްބަންއަށް ދިއުމުގެ ބަދަލުގައި އޭނާއަށް ޖެހުނީ އަމިއްލަ ގޭގައި ކަރަންޓީންވާށެވެ. އަދި ކަރަންޓީން މުއްދަތު ނިންމާލުމަށްފަހު އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތުގައި ބައިވެރިވެވޭނީ ކޮން ގޮތަކުންތޯ ބެލުމުގެ ގޮތުން ދިޔައީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީންގެ ކަންތައްތައް ހުރި ގޮތުން މެލްބަންއަށް މިހާރު ދަތުރުކުރި ނަމަވެސް ކަރަންޓީން މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާ މުބަރާތުގައި އޭނާއަށް ބައިވެރިވުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭގޮތް ނުވުމުން މަރީ ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. ނަމަވެސް އޭނާވަނީ މި މުބާރާތުގައި އޭނާއަށް ވާދަކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މަރީ މިހާރު އުންމީދު ކުރަމުންދަނީ އަހަރުގައި ދެން އެންމެ އަވަހަށް އޮތް އޭޓީޕީ 2 މުބާރާތް ކަމަށްވާ މޮންޕެލިއޭ އާއި ރޮޓަރޑަމް މުބާރާތުގައި ވާދަކުރުމަށެވެ.