ކުޅިވަރު

ޑޯޓްމުންޑް ބަލިކޮށް މޮންޗެންގްލަޑްބެކްއިން ގިނަ ބަޔަކު ހައިރާން ކޮށްލައިފި


ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މޮންޗެންގްލަޑްބެކުން ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.

މިމެޗް މޮންޗެންގްލަޑްބެކް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މިއީ ލީގުގައި ޑޯޓްމުންޑް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.

މޮންޗެންގްލަޑްބެކްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ނީކޯ އެލްވެޑީއެވެ. ނަމަވެސް ފުރަތަމަ ހާފްގައި ވަރަށް ގާތް ގާތުގައި ދެލަނޑު ޖަހާ ޑޯޓްމުންޑްއިން ވަނީ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ދެލަނޑު މެޗްގެ 22 އަދި 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަރލިންގ ބްރައުޓް ހާލާންޑްއެވެ. މިމެޗްގައި މޮންޗެންގްލަޑްބެކްއިން އެއްވަރު ކުރި ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެލްވެޑީއެވެ.

މިމެޗްގައި މޮންޗެންގްލަޑްބެކްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 49 ވަނަ މިނެޓްގައި ރެމީ ބެންސިބައިނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މޮންޗެންގްލަޑްބެކްގެ 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރކަސް ތުރާމްއެވެ.

މި ދެޓީމްގެ މީގެކުރިން ބައްދަލުކުރި 11 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ޑޯޓްމުންޑެވެ. އެހެންކަމުން މިމެޗުން މޮންޗެންގްލަޑްބެކް މޮޅުވުން ވެގެންގޮސްފައިވަނީ އެޓީމަށް ވަރަށް ހާއްސަ ކާމިޔާބީއަކަށެވެ. މިކާމިޔާބީގެ ސަބަބުން ޑޯޓްމުންޑް ފަސްވަނައަށް ވެއްޓި، މޮންޗެންގްލަޑްބެކް ވަނީ ތާވަލްގެ ހަތަރުވަނައަށްވެސް އަރާފައެވެ. މޮންޗެންގްލަޑްބެކްއަށް ޕޮއިންޓް ތާވަލްގެ ހަތަރުވަނަ ލިބެނީ ކުޅުނު 18 މެޗުން ލިބިފައިވާ 31 ޕޮއިންޓުންނެވެ. ޑޯޓްމުންޑަށް ލިބިފައިވަނީ 18 މެޗުން 29 ޕޮއިންޓެވެ.