އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ކެވިން ޑި ބްރެއިނަރއަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ހަތަރު ނުވަތަ ހަ ހަފްތާއަށް ނުކުޅެވޭނެކަން އެޓީމުން ހާމަކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޑި ބްރެއިނަރއަށް އަނިޔާ ވެފައިވަނީ އެންމެފަހުން އެޓީމް އެސްޓަންވިލާ އާއި ބައްދަލުކުރިމެޗްގައެވެ. އެމެޗްގެ ދެވަނަ ހާފްގައި އޭނާވަނީ ބަދަލުކޮށްފައެވެ. އަދި މި އަނިޔާގެ ސަބަބުން ޑި ބްރެއިނަރއަށް 10 މެޗް ގެއްލިދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. މިގޮތުން ފުރަތަމަ މެޗަށް ވެގެން ދާނީ އިނގިރޭސި އެފް.އޭ ކަޕްގައި މިރޭ ލީގް ވަންގެ ޗެލްޓެންހަމް ޓައުންއާ ބައްދަލުކުރާމެޗެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ޝެފީލްޑް ޔުނައިޓެޑް އަދި ބަރންލީ އާއި ބައްދަލުކުރާ މެޗްތަކުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ލިވަޕޫލާއި ބައްދަލުކުރާ މެޗާއި އޭގެ ހަ ދުވަސް ފަހުން ޓޮޓްނަމް ހޮޓްސްޕަރއާ ބައްދަލުކުރާ މެޗްގައި ނުކުޅެވުމުގެ ބިރުވެސް އެބައޮތެވެ.
ހަމައެއާއެކު އާސެނަލް އާ ބައްދަލު ކުރާ މެޗާއި ޗެމްޕިއަންސް ލީގުގެ ފަހު 16 ގެ ފުރަތަމަ ލެގްގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ކުޅޭ މެޗަށްވެސް ޑި ބްރެއިނަރ ފިޓް ނުވެދާނެކަމަށްވެސް އެޓީމްގެ ކޯޗު ވަނީ ހާމަކޮށްފައެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިންނަށް މާގިނަ މެޗް ކުޅެން ޖެހޭ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކުޅުންތެރިންނަށް އަނިޔާވަމުންދާ ކަމަށެވެ. މިގޮތުން ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހޭއިރު 11 މަސްވަންދެން ހުރިހާ ކުޅުންތެރިން އަނިޔާ ނުވެ ތިބުމަކީ ނުވާނެކަމެއް ކަމުގައިވެސް އޭނާ ހާމަކުރިއެވެ. އަދި ލީގުގައި ފަސް ބަދަލު ގެންނަން އެދެމުންދަނީ މިސަބަބުތަކަަށްޓަކައި ކަމަށާއި އެފް.އޭ ކަޕްގައި ފަސް ބަދަލު ގެނެވޭއިރު، އެހެން މުބާރާތްތަކަށް އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގާޑިއޯލާ ހާމަކުރިއެވެ.