ކުޅިވަރު

3 ދުވަސްތެރޭ ދެވަނަ ފަހަރަށް ނެޓްސްގެ މައްޗަށް ކެވެލިއަރސް ކުރިހޯދައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ކްލީވްލަންޑް ކެވެލިއަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ކެވެލިއަރސް ކާމިޔާބުކޮށްފިއެވެ.

މިއީ ވޭތުވެދިޔަ ތިން ދުވަސް ތެރޭ ކެވެލިއަރސްއިން ނެޓްސްގެ މައްޗަށް ކުރި ހޯދި ދެވަނަ ފަހަރެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ކެވެލިއަރސް ކާމިޔާބުކުރީ 125 ޕޮއިންޓް 113 ޕޮއިންޓުންނެވެ.

މިމެޗްގައިވެސް ކުރީ މެޗެކޭ އެއްގޮތަށް ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކޮލިން ސެކްސްޓަންއެވެ. އޭނާވަނީ 25 ޕޮއިންޓް ހޯދައިދީ، ނުވަ އެސިސްޓް ކޮށްފައެވެ. ނެޓްސްއިން މުހިންމު އެއް ކުޅުންތެރިއެއް ކަމަށްވާ ކެވިން ޑުރާންޓްއާ ނުލާ ކުޅުނު މިމެޗްގައި އެޓީމްގެ ކައިރީ އަރވިންވަނީ އެޓީމަށް 38 ޕޮއިންޓް ހޯދާދީފައެވެ. އަދި އެޓީމާ ވަރަށް ފަހުން ގުޅުނު ޖޭމްސް ހާޑެންވަނީ 19 ޕޮއިންޓް ހޯދާދީ 11 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޝިކާގޯ ބުލްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. މިމެޗްގައި ބުލްްސްގެ ލައުރީ މާރކަނެން ވަނީ 23 ޕޮއިންޓް އެޓީމަށް ހޯދާދީފައެވެ. އަދި ކޯބީ ވައިޓް ވަނީ 18 ޕޮއިންޓް ހޯދައިދީ، އަށް އެސިސްޓް ކޮށްފައެވެ. ހޯނެޓްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދާދިން ގޯޑަން ހޭވާރޑްއެވެ.