ކުޅިވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގު: ގްރީން ބަލިކޮށް ޓީސީ ހަތަރުވަނައަށް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. 32 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އޮގީ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ކައިރިން ނައްޓާލުމަށް ގޯލަށް ފޮނުވާލުމުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ދިފާއުކޮށްފައެވެ. ޓީސީއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ 37 ވަނަ މިނެޓުގައި މެލްކޮމް ކަސިއުސް ސްޓެވާޓް އަށެވެ.

ޓީސީން މެޗުގައި ލީޑު ނެގީ 65 ވަނަ މިނެޓުގައި ކެޕްޓަން މުހައްމަދު އައްޒާމް ޖަހައިދިން ގޯލުންނެވެ. އަރިމަތިން ކުޅުނު އިބްރާހީމް އަތީގް ހަސަން (އިއްބެ) ނަގައިދިން ހުރަސް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ އައްޒާމް ވަނީ ބޮލުން ގޯލަށް ވައްދާލާފައެވެ.

މިމުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު 14 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ފުރަތަމަ ބުރުގެ ހަތަރު ވަނަ ޓީސީ ކަށަވަރުކުރީ ނުވަ ޕޮއިންޓާއެކުއެވެ.

މިމެޗުން ބަލިވުމުން އަށް ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ވަނަ އަށް ވެއްޓިފައެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންވެސް ވަނީ އަށް ޕޮއިންޓް ހޯދާފައެވެ.