މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
ކްރިމިނަލްކޯޓްގެ ނިންމުން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފުކުރި މައްސަލަ ނިންމާ ދަށުކޯޓްގެ ހުކުމް ދަމަހައްޓަން ނިންމެވި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގްލަބިއްޔަތުންނެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ދަށުކޯޓްގެ ނިންމުން ބާތިލުކުރަންޖެހޭކަމަށް ނިންމެވީ ފަނޑިޔާރު ޝަހީދެވެ.
ދަށުކޯޓްގެ ނިންމުން ދެމެހެއްޓުމަށް ތާއިީދުކުރެއްވި ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވަނީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށެވެ. އެހެންނަމަވެސް ރައުޔު ތަފާތުވި ފަނޑޔާރުގެ ނިންމުމުގައި ބުނެފައިވަނީ ރައީސް ޔާމީނާއި އޭސީސީ ގުޅިގެން ހެދި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ޔާމީން ނެންގެވީ އެއްމަސްފަހުންކަން އެގޭކަމަށެވެ. އަދި އެ ފައިސާ ނެގުމަށްފަހުވެސް މީހެއްގެ އަތުން ފައިސާ ހޯދާ އެ އެކައުންޓަށް ޖަމާކުރުމަކީ މި މައްސަލާގައި ޔާމީންގެ ނިޔަތް ސާފުކަން ގަބޫލުކުރެވޭކަމެއްކަމަށްވެސް ހިޔާލު ތަފާތުވި ފަނޑިޔާރުގެ ރައުޔުގައިވެއެވެ. އަދި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށްވެސް ރަޢުޔު ތަފާތުވި ފަނޑިޔާރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާރުވެސް އަންނަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަމުންނެވެ. މިގޮތުން ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި އަޑުއެހުންތައް މިހާރުވަނީ ކޯޓުގައި ފަށާފައެވެ.
ހައި ކޯޓުގައި މެންދުރު ކުރިޔަށް ގެންދިޔަ ޝަރީއަތް ވަނީ އެ ކޯޓްގެ ޔޫޓިއުބް ޗެނަލާއި ޓީވީތަކުން ލައިވްކޮށް ދައްކާފައެވެ.
މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލާގައި ދައުލަތުން ވަނީ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށްވެސް އެދިފައެވެ.