ދުނިޔެ

ޓްރަމްޕްގެ ވެރިކަމުގައި އެވްރެޖްކޮށް ދުވާލަކު 21 ފަހަރު އިތުރުފުޅު ހެއްދެވި


އެމެރިކާގައި ހިންގަމުންދިޔަ ޑޮނާލްޑް ޓްރަމްޕްގެ ވެރިކަން ނިމި، ޖޯ ބައިޑެންގެ ވެރިކަން ފެށިފައިވާއިރު މިދިޔަ 4 އަހަރު ދުވަހު އެމެރިކާގެ ވެރިކަމުގައި ހުންނެވި ޓްރަމްޕް ފާހަގަވެފައިވަނީ އެމެރިކާގެ އެހެން ރައީސުންނާއި ބަލާއިރު ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގައެވެ. ހާއްސަކޮށް އިތުރުފުޅު ހެއްދެވުމާއި ސައްހަ ނޫން މައުލޫމާތު އާއްމުކުރުމުގައި ޓްރަމްޕަކީ ވަރަށްވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ހަވާލުވެޑައިގަތް ހިސާބުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހު ވެރިކަމުން ފައިބާވަޑައިގަތުމާއި ހަމައަށް ޓްރަމްޕް ހެއްދެވި ދޮގުގެ އަދަދު އުޅެނީ 30 ހާހުން މަތީގައެވެ.

މަޝްހޫރު ވޮޝިންޓަން ޕޯސްޓުން ހަދާފައިވާ، ދިރާސާއެއްގައި ބުނެފައިވަނީ ވެރިކަމުގައި ހުންނެވި އިރު 30573 ފަހަރު ދޮގު ބަޔާންތައް ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 21 ދޮގެވެ.

ޓްރަމްޕް އެންމެ ގިނައިން އިތުރު ހައްދަވާފައިވަނީ އެމެރިކާގެ އިގްތިސާދާބެހޭ ގޮތުންނެވެ. އެގޮތުން ދުނިޔޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ އިގްތިސާދަށް، އެމެރިކާގެ އިގްތިސާދު އެމަނިކުފާނުގެ ވެރިކަމުގައި ހެއްދެވިކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ 493 ފަހަރު އިތުރުފުޅު ހައްދަވާފައެވެ.

ޓެކްސްއަށް ލުއިދެެއްވިކަމަށް ވިދާޅުވެ ހެއްދެވި އިތުރުފުޅުތައްވެސް ފާހަގަކޮށްލެވެއެވެ. ޓެކްސްއަށް ރެކޯޑް އަދަދެއްގެ ލުޔެއް ދެއްވިކަމަށް 296 ފަހަރަކު ވިދާޅުވިއިރު، އެންމެ ފަހުން ދެއްވި ވަދާއީ ހިތާބުގައިވެސް އެހެން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޓެކްސްއަށް ދިން ލުއިތައް އުޅެނީ 1980 ވަނަ އަހަރު ރޭގަންގެ ސަރުކާރުން ދެއްވި ލުއިތަކަށްވުރެ ދަށުގައެވެ.

ވަޒީފާ ނެތް މީހުންނާއި ގުޅޭ ގޮތުންވެސް ޓްރަމްޕް ވަނީ ވަރަށް ގިނައިން އިތުރުފުޅު ހައްދަވާފައެވެ. ވަޒީފާނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގެންގޮސްފައިވާކަމަށް ބުނެ 644 ފަހަރު އިތުރުފުޅު ހެއްދެވިއިރު، ޓްރަމްޕްގެ ވެރިކަމުގައި ވަޒީފާނެތް މީހުންގެ ނިސްބަތްވާނީ 2 ގުނަ އިތުރުވެފައެވެ.

އެއް މަހެއްގައި އެންމެ ގިނައިން ޓްރަމްޕް އިތުރުފުޅު ހެއްދެވި މަހަކީ މިދިޔަ އޮކްޓޯބަރ މަހެވެ. ރިޔާސިމީ އިންތިހާބު ނޮވެމްބަރު މަހު އޮތްއިރު، އޭގެ ކުރީ އޮކްޓޯބަރުމަހު ޓްރަމްޕް ހެއްދެވި އިތުރުފުޅުގެ އަދަދު އުޅެނީ 3917 ގައެވެ. އަދި އޭގެކުރީމަސްކަމަށްވާ، ސެޕްޓެމްބަރުމަހު ހެއްދެވި އިތުރުފުޅުތައް އުޅެނީ 2239ގައެވެ.
އެއްދުވަހެއްގައި އެންމެ ގިނައިން އިތުރުފުޅު ހެއްދެވި ދުވަހެއްގެ ގޮތުގައި ފާހަގަވެފައިވަނީ ރިޔާސީ އިންތިހާބުގެ ކުރީ ދުވަސްކަމަށްވާ، މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހެވެ. އެދުވަހު އެމަނިކުފާނު ވަނީ 503 ވަނަ ފަހަރު އިތުރުފުޅު ހައްދަވާފައެވެ.

ވެރިކަމުން ފައިބަމުން ދެއްވި ވަދާއީ ތަގްރީރުގައި ގިނަ އޮޅުވާލުންތަކެއް ހުރިއިރު، އޭގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާ ވަރުގަދަ ކުރެއްވިކަމަށް ވިދާޅުވި، ވިދާޅުވުން ހިމެނެއެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއަށް ކުރި ހަރަދުތައް އުޅެނީ އޮބާމާ ވެރިކަމަށް ވުރެ ދަށުގައެވެ.މީގެއިތުރުން އަނބިކަނބަލުން މެލައިނާއަކީ އެމެރިކާ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލް ފަސްޓްލޭޑީކަމަށް ޓްރަމްޕްގެ ވަދާއީ ތަގްރީރުގައި ވިދާޅުވިއިރު، ސީއެންއެންއިން ކުރިއަށްގެންދިޔަ ދިރާސާތައް ދައްކާ ގޮތުން މެލައިނާއަކީ އެންމެ މަގްބޫލްކަން ކުޑަ ފަސްޓްލޭޑީއެވެ.

ޓްރަމްޕަކީ ދޮގުހެދުމާއި ކަންކަމުގެ ސައްހަނޫން މައުލޫމާތު އާއްމުކުރާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިރު، ވެރިކަން ނިމެންދިޔަ ދުވަސްވަރު ހެއްދެވި އިތުރުފުޅުތަކާއި ގުޅިގެން އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިގެން، ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބުން ވަނީ ޓްރަމްޕް ބޭރުކޮށްލާފައެވެ.