ދުނިޔެ

ވެރިކަމާއި ބައިޑަން ޙަވާލުވެވަޑައިގެން 15 ރިޔާސީ އަމުރެއް


އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އިރުކޮޅެއްގެ ތެރޭގައި 15 ރިޔާސީ އަމުރެއްގައި ސޮއި ކުރައްވައިފިއެވެ. އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ބައިޑަން ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޖޯބައިޑަނާއި އެމަނިކުފާނުގެ ނާއިބު ރައީސް ކަމްލާ ހެރިސްގެ ހުވާކުރުމަށް ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ކުރީގެ ރައީސުން ބައިވެރިވެޑައިގެންނެވި ނަމަވެސް ވެރިކަމުން ފައިބައިވަޑައިގެންނެވި ޑޮނަލްޑް ޓްރަންޕު ބައިވެރިވެޑައިގެންފައެއް ނުވެއެވެ. ބައިޑަންގެ ނާއިބު ރައީސް ކަމްލާ ހެރިސް ވެގެންގޮސްފައި މިވަނީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސްގެ މަގާމާއި އެކު ތާރީހުގެ ތެރެއަށް ވަދެގެންގޮސްފައެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރެއްވުމަށް ފަހު ޤައުމާއި މުޚާތަބުކުރައްވާ ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވީ މީ ތާރީހީ ދުވަހެއްކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުވެގެން ދިޔައީ ޤައުމު ބައިބައިވެފައިވާ މި ދަނޑުވަޅުގައި އެމެރިކާގެ ރައްޔިތުންނަށް ހިތްވަރާއި އުންމީދު ގެނެސްދިން ވާހަކަތަކަކަށެވެ.

ކެޕިޓޮލް އިމާރާތުގެ ބޭރުގައި އޮންނަ ހުސްބިމުގައި ބޭއްވި ރިޔާސީ ހުވައިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ބައިޑަންވަނީ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތުކުރުމަށް އެންމެ މުހިންމީ އެއްބައިވަންތަކަންކަމަށް ވިދާޅުވެފައެވެ. ޤައުމުގައި އުފެދިފައިވާ ސިޔާސީ ބައިބައިވުމާއި އެހެނިހެން ބައިބައިވުންތައް އެއްފަރާތް ކުރަންޖެހޭކަމަށް ބައިޑަން ވިދާޅުވިއެވެ.

21 މިނެޓަށް ދެމިގެންދިޔަ ތަގުރީރުގައި ބައިޑަންވަނީ ޖަނަވަރީ މަހުގެ 6ވަނަ ދުވަހު ކޮންގެރެސް އިމާރާތުގައި ހިންގި ހަމަނުޖެހުންތަކާއިގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ބައިޑަން ވިދާޅުވީ އެ ދުވަހު އިމާރާތަށް ޙާމަލާދިން މީހުންވަނީ ބާރުގެ ބޭނުންކޮށްގެން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެމިހުންގެ މަސައްކަތް ނާކާމިޔާބިވިކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ އެއްވެސް ޒަމާނެއްގައި އެފަދަ ޢަމަލެއް ކާމިޔާބު ނުވާނެކަމަށެވެ.

ބައިޑަންގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނަކީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއި ނުކުރާ މީހުންނާއި ދެމެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ބައިޑަން ވަޢުދުވެވަޑައިގަތެވެ.
ބައިޑަންގެ ތަގުރީރުގައި ބޮޑަށް ވާހަކަދައްކަވާފައިވަނީ އެމެރިކާއަށް މިވަގުތު ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުންނެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި މުޅި ދުނިޔެއަށްވެސްވަނީ މެސެޖެއް ދެއްވާފައެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދަޢުރުގައި ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަޅުކުރައްވާނެކަމަށާއި، ސުލްހައާއި ކުރިއެރުމާއި ސަލާމަތަށްޓަކައި އެމެރިކާއިން މަސައްކަތްކުރާނެކަމަސްވެސް ބައިޑަން ވަޢުދުވެވަޑައިގަތެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ބައިޑަންވަނީ އިރުކޮޅެއްގެ ތެރޭގައި ރިޔާސީ 15 އަމުރެއްގައި ސޮއި ކުރައްވައިފައެވެ. އެމެރިކާގެ ވެރިކަމުގައި ބައިޑަންގެ ކުރިން ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕުގެ ގިނަ ސިޔާސަތުތައް އުވާލައްވައި ރިޔާސީ އަމުރުތަކުގައި ސޮއިކުރައްވާފައިވަނީ ރިޔާސީ އިދާރާގައި ރައީސްއަށް ޚާއްޞަކޮށްފައި ހުންނަ ކޮޓަރިކޮޅު، އޯވަލް އޮފީހުގައި އިންނަވައި ނޫސްވެރިންގެ ކުރިމަތީގައެވެ.

އެ އަމުރުތަކުގައި ސޮއިކުރައްވަމުން ބައިޑަން ވިދާޅުވީ އެއްވެސް ވަގުތެއް ބޭކާރުކުރެވެން ނެތްކަމަށެވެ. ބައިޑަން ސޮއިކުރެއްވި ބައެއް އަމުރުތަކަކީ އޭގެ ސަބަބުން އެމެރިކާއިން ކޯވިޑް ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޮޑު އެހީއަކަށްވާނެ އަމުރުތަކެއްކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި މީގެ ކުރިން ކުރިމަތިލާފައި ނުވާފަދަ ގޮތަކަށް މޫސުމީ ބަދަލުތަކާއިގުޅޭ މައްސަލަތަކަށް އެމެރިކާއިން ކުރިމަތިލާނެކަމަށްވެސް ރައީސް ބައިޑަން ވިދާޅުވިއެވެ. އޭގެ އިތުރުން ޤައުމުގައި ނަސްލީ ހަމަހަމަކަން ޤާއިމްކުރުމާއި އަޅައިލުން ނުދެވި ހުރި މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ބައިޑަންގެ އަރިސް ބޭފުޅުން ވިދާޅުވީ އައު ރައީސް ސޮއިކުރެއްވި އަމުރުތަކުގެ ތެރޭގައި މައި ސަރުކާރުގެ އިދާރާތަކުގައި އަދި ސަރުކާރުގެ މުވައްޒަފުން މާސްކު ބޭނުންކުރުން މަޖުބޫރުކުރާ މާއްދާއެއް ހިމެނޭކަމަށެވެ. އޭގެ އިތުރުން ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ވައިޓުހައުސްގެ ޚާއްޞަ އިދާރާއެއް ޤާއިމްކުރުމާއި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ މެންބަރުކަމުން އެމެރިކާ ވަކިވުމުގެ މަރުޚާލާތައް ހުއްޓާލުންވެސް ބައިޑަން ސޮއިކުރެއްވި ރިޔާސީ އަމުރުތަކުގައި ހިމެނެއެވެ.

މީގެއިތުރުން ޕެރިސް އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން އަލުން ބައިވެރިވުމުގެ މަރުހަލާތައް ފެށުމާއި، މޫސުމީ ބަދަލުތަކާއި ގުޅޭ މުހިންމު އަމުރުތަކެއްގައިވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ކީސްޓޯން އެކްއެލް ތެލުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ދޫކޮށްފައިވާ ޙުއްދަވަނީ ބާތިލްކުރައްވާފައެވެ.

ބައިޑަން ސޮއިކުރެއްވި އިމިގްރޭޝަނާއި ގުޅުންހުރި އަމުރުތަކުގެ ތެރޭގައި ސަރަޙައްދީ ރޮނގުގައި ބޮޑު ފާރެއް ރޭނުމަށް މީގެ ކުރިން ރައީސް ޓްރަންޕު ސޮއިކުރައްވާފައިވާ ކުއްލި ޤަރާރު އުވާލެއްވުންވެސް ހިމެނެއެވެ. އަދި މުސްލިމް އާބާދީ ބޮޑު ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރުން މަނާކުރާ އަމުރުވެސް ރައީސް ބައިޑަންވަނީ އުވާލައްވައިފައެވެ.

ރައީސް ބައިޑަންގެ ޕްރެސް ސެކެރެޓަރީ، ޖެން ސާކީ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުގައި ރައީސް ބައިޑަން ސޮއިކުރައްވާފައިވާ ރިޔާސީ އަމުރުތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިޑަން އަޅުއްވާނެ ފިޔަވަޅުތަކުގެ ފެށުންކަމަށެވެ. ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް، އެމެރިކާގެ ރައްޔިތުންނަށް ރައީސް ބައިޑަން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް އޮތް ހަފުތާތަކުގައި އެފަދަ އިތުރު ރިޔާސީ އަމުރުތަކުގައި ބައިޑަން ސޮއިކުރައްވާ އިޢުލާނުކުރައްވަމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑަންވަނީ ކުއްޔާއި ގެދޮރަށް ފައިސާ ނުދެއްކުމުގެ ސަބަބުން މިވަގުތު ގެއިން ނެރެނުލެވޭގޮތަށް އޮތް އޮތުން މާރިޗު މަހުގެ ނިޔަލަށް ދަމަހައްޓައިދިނުމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގައި އެދިފައެވެ. އޭގެ އިތުރުން ކިޔަވާ ކުދިންގެ ލޯނުތައް ދެއްކުންވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނަށްވަނީ އަންގަވައިފައެވެ.