ޚަބަރު

އިންޑިޔާއިން ކޯވިޑް-19 ވެކްސިން އެކްސްޕޯޓުކުރަން ފަށައިފި


އިންޑިޔާއިން ކޯވިޑް-19 ވެކްސިން އެކްސްޕޯޓުކުރަން ފަށައިފިއެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ކޮރޯނާވައިރަހާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ ޝިޕްމަންޓެއް ދިވެހިރާއްޖެއަށް ފޮނުވާފައިވާއިރު، އިތުރު ޝިޕްމެންޓެއް އަވަށްޓެރި ބޫޓާނަށް މިހާރު ބޭރުކޮށްފައިވާކަމަށެވެ.

އިންޑިޔާއަކީ ގިނަ ޢަދަދެއްގެ ބޭހާއި ވެކްސިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ސަޕްލައިކުރާ ޤައުމެކެވެ. ގިނަ ޢަދަދެއްގެ މެދު ފަންތީގެ އަދި ފަޤީރު ޤައުމުތަކުން އެ ޤައުމުތަކުގެ ކޯވިޑް-19 ވެކްސިން މަޝްރޫޢުތައް ފެށުމަށް ބަރޯސާވަނީ އިންޑިޔާއިން ލިބޭނެކަމަށް އުންމީދުކުރާ ވެކްސިންގެ މައްޗަށެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަނުރާގު ސްރީވަސްތަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ޝިޕްމަންޓު ބޫޓަންއަށް ފޮނުވާފައިވާކަމަށާއި، އަވަށްޓެރި ޤައުމުތަކަށާއި ގާތް ޚާރިޖީ ބައިވެރިންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ. ޚާރިޖީ ވުޒާރާއިންވަނީ އެ ޤައުމުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެ، ބަންގުލަދޭޝް، ނޭޕާލް، މިޔަންމާ، ސީޝެލްސްއަށް ވެކްސިން ފޮނުވާނެކަމަށެވެ. އަދި ސްރީލަންކާއާއި އަފްޣާނިސްތާނާއި މޮރިޝަސްއަށް ވެކްސިން ފޮނުވުމަށް ބޭނުންވާ ހުއްދަތައް ލިބުމުން އެ ޤައުމުތަކަށްވެސް ވެކްސިން ފޮނުވާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވެކްސިން އެކްސްޕޯޓުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވާ އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރުވެސްވަނީ ޓްވީޓެއް ކުރައްވާފައެވެ. 'ފާމަސީ އޮފް ދަ ވޯލްޑް' ނުވަތަ ދުނިޔޭގެ ބޭސްފިހާރައިގެ ގޮތުގައި އިންޑިޔާ ސިފަކުރައްވާ އޭނާ ވިދާޅުޗީ އިންޑިޔާއިން ކޯވިޑް-19ން އަރައިގަތުމުގައި ކުރަންޖެހޭ ކަންކަން ކުރާނެކަމަށެވެ.

ދުނިޔޭގައި އުފައްދާ ވެކްސިންގެ ދެ ބައިކުޅަ އެއްބައި އުފައްދަނީ އިންޑިޔާގެ ކުންފުނިތަކުންނެވެ. އިންޑިޔާއިން އުފައްދާ ވެކްސިންތައް އެންމެ ގިނައިން ސަޕްލައިކުރަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. އިންޑިޔާއިން ބުނީ އަވަށްޓެރި ޤައުމުތަކުގެ ވެކްސިން މަޝްރޫޢުތައް ފެށުމަށް އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ޤައުމުން ތަމްރީންތައް ކުރިއަށް ގެންދާނެކަމަށެވެ.

މި މަހުގެ ތެރޭގައި އިންޑިޔާއިންވަނީ ކުއްލި ޙާލަތުގައި ބޭނުންކުރުމަށް ކޯވިޑް-19ގެ ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އޭގެ ތެރެއިން އެއް ވެކްސިނަކީ އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރަޒެނެކާއިން އުފައްދާފައިވާ ވެކްސިނެވެ. ދެން ހުއްދަ ދީފައިވަނީ އެ ޤައުމުގެ ކުންފުންޏެއްކަމަށްވާ ބާރަތު ބަޔޯޓެކާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން އުފައްދާފައިވާ ވެކްސިނެކެވެ. ދެ ވެކްސިންވެސް ބާޒާރަށް ނެރުމަށް ތައްޔާރުކުރަނީ އިންޑިޔާގައެވެ. ކުރިއަށް އޮތް މަސްތަކުގައި އިންޑިޔާއިން އިތުރު ދެ ވެކްސިނަކަށް ހުއްދަ ދޭނެކަމަށް ބެލެވެއެވެ.

އިންޑިޔާއިން ބޭރު ޤައުމުތަކަށް މިވަގުތަށް ސަޕްލައި ކުރާނީ ހަމައެކަނި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެ ވެކްސިން ހަދަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިންނެވެ. އެ ކުންފުނިން އެސްޓްރަޒެނެކާގެ ވެކްސިން ވިއްކާނީ ކޮވިޝީލްޑްގެ ނަމުގައެވެ.

ބަންގްލަދޭޝުން ބުނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ވެކްސިންގެ ދެ މިލިއަން ޑޯޒް އެ ޤައުމަށް ލިބޭނެކަމަށެވެ. 160 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ކޯވިޑް-19 ވެކްސިން މަޝްރޫޢު މިހާތަނަށް ފަށާފައިނުވާއިރު، ވެކްސިންގެ އިތުރު 30 މިލިއަން ޑޯޒަށް އެ ޤައުމުން މިހާރުވަނީ އޯޑަރު ދީފައެވެ.