ޚަބަރު

ޤަތަރާއިއެކު މިޞްރުން ޚާރިޖީ ގުޅުން ޤާއިމްކުރަނީ


ޤަތަރާއިއެކު ޚާރިޖީގުޅުން ޤާއިމްކުރުމަށް މިޞްރުން ނިންމައިފިއެވެ.

މިޞްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިޞްރާއި ޤަތަރާއި ދެމެދު ޚާރިޖީ ގުޅުން އަލުން ޤާއިމްކުރުމަށް އެއްބަސްވެ، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ލިޔުންތައް ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ބަދަލުކޮށްފައިވާކަމަށެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ ޤަތަރުން އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ، ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީއާއި ޔޫއޭއީގެ އިތުރުން ބަޙުރައިނުން ވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. މި ޤައުމުތަކުން އަލުން ޤަތަރާއި ގުޅުމަށް އޭރު 13 ޝަރުތެއް ކުރިމަތިކުރިއެވެ. އެހެންނަމަވެސް އެ ތުޙުމަތުތައް ޤަތަރުން ވަނީ ދޮގުކޮށްފައެވެ.

މިމަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަހުރައިނުންވަނީ ޤަތަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެއްބަސްވެފައެވެ. އެ ޤައުމުތަކުން މިހާރުވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވާލައިފައެވެ. އެއާއިއެކު ޤަތަރާއި އެ ޤައުމުތަކާއި ދެމެދު ބައެއް ވައިގެ ދަތުރުތައްވެސް މިހާރުވަނީ ފަށައިފައެވެ.

އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިންވަނީ އެ ޤައުމުން ޤަތަރާއިއެކު ޙިއްޞާކުރާ ހަމައެކަނި އެއްގަމުގެ ސަރަޙައްދީ ރޮނގުވެސް ހުޅުވާލައިފައެވެ.