ޚަބަރު

އެމެރިކާގެ 46ވަނަ ރައީސް، ޖޯ ބައިޑަން ހުވައި ކުރައްވައިފި


އެމެރިކާގެ 46ވަނަ ރައީސްގެ ގޮތުގައި އެޤައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޖޯ ބައިޑަން މަޤާމުގެ ހުވައި ކުރައްވައިފިއެވެ. އެމަނިކުފާނު އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވައިފައިވަނީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕާ ވާދަކުރައްވައި ބައިޑަންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައިވާ ބައިޑަން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާ ޖުލްމަ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ.

ޢާންމުންގެ މަގުބޫލު ވޯޓަށް ބަލައިއިރު ބައިޑަންއަށްވަނީ 81 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް މިހާތަނަށް ލިބިވަޑައިގެންފައިވާ އެންމެ ގިނަ ވޯޓުގެ ޢަދަދެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބުގައި ބައިޑަންވަނީ އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ އަޣުލަބިއްޔަތުވެސް ހޯއްދަވާފައެވެ. އެގޮތުން ޕެންސިލްވޭނިއާ، ވިސްކޮންސިން އަދި މިޝިގަން ސްޓޭޓުވެސް ކާމިޔާބުކުރައްވާފައިވަނީ ބައިޑަންއެވެ. އޭގެ އިތުރުން ފާއިތުވި 20 އަހަރު ދުވަހު ރިޕަބްލިކަން ޕާޓީން ކާމިޔާބު ކުރަމުންދިޔަ އެރިޒޯނާއާއި ޖޯޖިއާގެ އަޣުލަބިއްޔަތުވެސް ހޯއްދެވީ ބައިޑަންއެވެ.

އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑަންއަކީ އެމެރިކާގެ ރައީސްކަމާ މިހާތަނަށް ޙަވާލުވެވަޑައިގަންނަވާ ޢުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

އެމަނިކުފާނު މީގެ ކުރިންވަނީ ގިނަ އަހަރުތަކެއްވަންދެން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. 1973ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާ ހަމައަށް އެމަނިކުފާނުވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެންބަރުކަން ކުރައްވާފައެވެ. މީގެ ކުރިން، ފާއިތުވި 30 އަހަރުދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަންވަނީ ވާދަކުރައްވާފައެވެ.