ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާއި މުހާތަބްކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ޤައުމާއި މުހާތަބްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤައުމާއި މުހާތަބްކުރައްވާނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރުކަމަށެވެ.

މަބްރޫކް ވިދާޅުވީ ޤައުމާއި މުހާތަބްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅުގައި ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާއި މުހާތަބްކުރައްވަން ހަމަޖެހިފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ވެކްސިން މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ޚަބަރުތައް ބުނާގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އޮކްސްފޯޑުން އުފައްދާފައިވާ ވެކްސިނެވެ. އަދި ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެ ގެންނާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.