ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވަދާޢުގެ މެސެޖު ފޮނުއްވައިފި


އެމެރިކާގެ ވެރިކަމާއި މިއަދު ވަކިވެވަޑައިގަންނަވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވަދާޢުގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވީޑިއޯ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ޓްރަންޕު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ އެމެރިކާގެ މަސްލަހަތަށް އިސްކަން ދިނުމަށްކަމަށާއި، އެ މަނިކުފާނުގެ އެ ސިޔާސަތަކީ ވަރަށް ކާމިޔާބު ސިޔާސަތެއްކަމަށެވެ. ރައީސް ޓްރަންޕަށް ތާޢީދުކުރައްވާ ފަރާތްތަކަށް މުހާތަބުކުރައްވާ އޭނާ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ޤައުމަށް އިސްކަން ދިނުމަށް އެމަނިކުފާނު ފެއްޓެވި ސިޔާސަތަކީ 'އެމެރިކާ ފަސްޓް' ޙަރަކާތުގެ ފެށުންކަމަށެވެ. މީގެ ހަތަރު އަހަރު ކުރިން ފެށި 'އެމެރިކާ ފަސްޓް' ސިޔާސަތުގެ ދަށުން އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ މަސައްކަތްތަކާއިމެދު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށް ޓްރަންޕު ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލައިފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންދާ ޓްރަންޕުގެ ވާހަކަފުޅުގައި މިއަދު އެޤައުމުގެ ވެރިކަމާއި ޙަވާލުވާނީ މުޅިން އައު ސަރުކާރަކުންކަމަށް ވިދާޅުވިއެވެ. ވިހި މިނެޓަށް ދެމިގެން ދިޔަ ވަދާޢުގެ މެސެޖުގައި ޓްރަންޕުވަނީ އައު ސަރުކާރަށް ހެޔޮ އެދުންތައް ފޮނުވައި، ސަރުކާރުގެ މަސައްކަތްތަކުގައި 'ނަސީބު' އޮތުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ޓްރަންޕުވަނީ އެމެރިކާގައި ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން އެ ޤައުމުގެ އިޤްތިޞާދު ކުރިއަރަމުންދިޔަ ގޮތާއިގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ކޯވިޑް-19 އާއި ދެކޮޅަށް ވެކްސިނެއް އުފައްދާފައިވާ ހަލުވިމިނާއި ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު އިސްރާއީލާއި އަރަބި ޤައުމުތަކާއި ދެމެދު ގުޅުން ބަދަހިކުރުމަށް މި އަހަރުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކާއިމެދުވެސް ހިތްހަމަޖެހިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރުމަށް ދެކޮޅު ހައްދަވަމުން ދިޔަ ޓްރަންޕު އެމެރިކާގެ ރައީސްގެ ގޮތުގައި ދެވަނަ ދައުރެއް ޢަދާ ނުކުރައްވާނެކަމަށް އިޝާރާތްކުރައްވާ ފުރަތަމަ ފަހަރަށް ވާހަކަދައްކަވާފައިވަނީ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުގައެވެ. އެއީ އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު އެމެރިކާގެ ކެޕިޓޮލް އިމާރާތަށްވަދެ އެ އިމާރާތުގައި ހަމަނުޖެހުން އުފައްދައި ގެއްލުން ދިނުމުގެ އެއް ދުވަސް ފަހުންނެވެ. އެ ހާދިޘާގައި ފަސް މީހުން ވަނީ މަރުވެފައެވެ. މިހާތަނަށްވެސް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންއާއި ދެކޮޅަށް ވާދަކުރައްވާ އެމަނިކުފާނު ބަލިވެވަޑައިގެންފައިވާކަމަށް ސާފު އިބާރާތުން ޓްރަންޕު ވިދާޅުވެފައެއް ނުވެއެވެ.

ވަދާޢުގެ މެސެޖުގައި ޓްރަންޕުވަނީ ކެޕިޓޮލްގައި ހިންގި ހާދިޘާ ކުށްވެރިކުރައްވާފައެވެ. އެ ހާދިޘާގެ ސަބަބުން އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޮޑު ސިހުމެއް ލިބުނުކަމަށާއި، ސިޔާސީ އަނިޔާވެރިކަމަކީ އެމެރިކާގެ ރައްޔިތުންގެ އަސާސްތަކަށް ދެވޭ ޙަމަލާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ޓްރަންޕު ވިދާޅުވިއެވެ. ނަމަވެސް ކެޕިޓޮލްގެ ހާދިޘާ ހިންގާފައިވަނީ އެމަނިކުފާނަށް ތާއީދުކުރާ މީހުން އެގޮތަށް ޢަމަލުކުރުމަށް ޓްރަންޕު ހިތްވަރު ދެއްވާފައިވާތީކަމުގެ ތުހުމަތު އެމަނިކުފާނާއި ދެކޮޅަށްވަނީ ކުރެވިފައެވެ.

އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަމަށް ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކުރުމަށް ތައްޔާރުވަމުންދިޔަ ދަނޑިވަޅުގައި ކެޕިޓޮލް އިމާރާތްދޮށަށް އެއްވެ އިންތިޚާބުގެ ނަތީޖާއާއިމެދު ނުރުހުން ފާޅުކުރުމަށް ޓްރަންޕުވަނީ އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. ކެޕިޓޮލްގެ ހާދިޘާ ހިންގަމުން ދިޔަ ވަގުތުގައިވެސް އެތަނުގައި ޙަރަކާތްތެރިވަމުން ދިޔަ އެމަނިކުފާނުގެ ސަޕޯޓަރުންދެކެ ލޯބިވެވަޑައިގަންނަވާކަމަށްވެސް ޓްރަންޕުވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބު ވަގަށް ނަގާފައިވާކަމަށް ކުރައްވާ ތުހުމަތުތައްވެސް ވަނީ ތަކުރާރުކުރައްވާފައެވެ. އެ ހާދިޘާއާއި ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވަނީ ރައީސްކަމުން ޓްރަންޕު އަޒުލްކުރުމަށް ފާސްކޮށްފައެވެ.

ރައީސް ޓްރަންޕުގެ ވަދާޢުގެ މެސެޖު ޝާޢިއުކުރުމުގެ އިރުކޮޅެއް ކުރިން ޤާނޫނުހަދާ މަތިގޭގެ މެޖޯރިޓީ ލީޑަރު، މިޗް މިކްކޮނެލްވަނީ ކެޕިޓޮލްގައި ހަމަނުޖެހުން އުފެއްދި މީހުންނަށް އެތައް ދޮގު މަޢުލޫމާތެއް ދީ ގޯސްކޮށް ވިސްނައިދީފައިވާކަމަށާއި، ރައީސް ޓްރަންޕާއި އެހެނިހެން ބާރުގަދަ މީހުންވަނީ ހަމަނުޖެހުން އުފެއްދުމަށް އެމީހުންނަށް ހިތްވަރުދީފައިކަމަށް ވިދާޅުވެފައެވެ.

ޓްރަންޕު އަޒުލްކުރުމުގެ އަޑުއެހުންތައް ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާއިއު، އެ މަޖިލީހުގެ ތިންބައި ކުޅަ ދެބަޔަށް ޓްރަންޕު ކުށްވެރިވެފައިވާކަމަށް ފެންނަނަމަ ޓްރަންޕަށް ދެން ރައީސްކަމާއި ދުވަހަކުވެސް ކުރިމަތި ނުލެވޭފަދަ ގޮތެއް މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ.

މިއަދު އެމެރިކާ ގަޑިން މެންދުރު 12 ޖަހާއިރު ޖޯ ބައިޑަން ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާއިރު، ރައީސް ޓްރަންޕު ވެގެންދާނީ ފާއިތުދި 150 އަހަރުގެ ތެރޭގައި އައު ރައީސެއްގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިނުގަންނަވާ އޭގެ ކުރީ ދައުރުގައި ވެރިކަމުގައި ހުންނެވި ހަމައެކަނި ރައީސަށެވެ.