ޚަބަރު

ކުރީ ސަފުގައި މަސައްކަތްކުރި މީހުންނާއި ސުވާލުކުރުމުގެ ފުރުޞަތު ޑަބްލިއުއެޗުއޯގެ ވަފުދަށް ދޭންޖެހޭ: އެމެރިކާ


ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގައި މިވަގުތު ޙަރަކާތްތެރިވަމުންދާ ޑަބްލިއުއެޗުއޯގެ މާހިރުންގެ ވަފުދުގެ ފަރާތުން ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްވަރުގައި ކުރީ ސަފުގައި ހަރަކާތްތެރިވި ފަރާތްތަކާއި ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށް އެމެރިކާއިން ޗައިނާއަށް ގޮވާލައިފިއެވެ. އެގޮތުން އެ ދުވަސްވަރުގައި މަސައްކަތްކޮށްފައިވާ ބަލިމީހުން ބަލަހައްޓާ މީހުންނާއި ބަލިޖެހުނު މީހުންގެ އިތުރުން ލެބުތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށް އެމެރިކާއިންވަނީ ގޮވާލައިފައެވެ.

ޖަނަވަރީ މަހުގެ 14ވަނަ ދުވަހުގައި ޗައިނާއަށް ދިޔަ ބައިނަލްއަޤްވާމީ މާހިރުންގެ ވަފުދުގެ ފަރާތުން މަސައްކަތްކުރާނީ ޗައިނާގައި ބަލި ފެތުރުނުގޮތް ދެނެގަނެ އެކަން އިތުރަށް ތަހުގީގުކުރުމަށެވެ. ޗައިނާއަށް ދިޔުމަށްފަހު ދެ ހަފުތާގެ ކަރަންޓީނެއް މިހާރު ފުރިހަމަ ކުރަމުންދާ އެ ވަފުދުންދަނީ ކަރަންޓީނުގައި ތިއްބަވައިގެން އިންޓަނެޓު މެދުވެރިކޮށް ޗައިނާގެ ރަސްމީ ފަރާތްތަކާއި މަޝްވަރާތައް ކުރަމުންނެވެ.

ޗައިނާގައި ކޯވިޑް-19 ފުރަތަމަ ފެތުރުނު ދުވަސްވަރު ވުހާންގެ ޙާލަތު ގޯސްވި މިންވަރު ޗައިނާއިން ފޮރުވަމުންދާކަމަށް އެމެރިކާއިންވަނީ ތުހުމަތުކޮށްފައެވެ. އެމެރިކާއިންވަނީ ޑަބްލިއުއެޗުއޯގެ ތަހުގީގަށް ޗައިނާގެ ފަރާތުން އެއްބާރުލުން ދިނުމަށް ގޮވާލައިފައެވެ. އަދި މާހިރުންގެ ވަފުދުގެ ދަތުރާއި ގުޅޭގޮތުން ދެ ފަރާތުން ނިންމާފައިވާ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހޭކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. ދެ ފަރާތުގެ މަޝްވަރާތަކުގައި ނިންމި ނިންމުންތަކުގެ ދަށުން ތަހުގީގުގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައިވަނީ ޗައިނާގެ މާހިރުންނެވެ.

ޗައިނާއަށް ދަތުރުކޮށްފައިވާ މާހިރުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް، ގެރެޓް ގްރިސްބީއެވެ. ޑަބްލިއުއެޗުއޯގެ އެކްޒެކެޓިވް ބޯޑުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަލި އެންމެ ފުރަތަމަ ފެނުނު ވުހާންގެ މާރުކޭޓުން ޖަނަވާރުންނާއި އިންސާނުންނާއި އެކި މާހައުލުތަކުން ޗައިނާއިން ނަގާފައިވާ ސާންޕަލުތައް ބަލައި އެ ޤައުމުން ކޮށްފައިވާ ދިރާސާތަކުގެ ފުރިހަމަ މަޢުލޫމާތު ޗައިނާއިން ޙިއްޞާކުރަންޖެހޭކަމަށެވެ. އެފަދަ މަޢުލޫމާތުތައް އެހެން ދިރާސާތަކާއި އަޅައިކިޔާ، އިތުރަށް ދިރާސާކުރުމުން އެއްގޮތް ކަންކަން ފާހަގަވެ، ބަލީގެ އަސްލު ދެނެގަތުމަށް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ. ތަހުއްގީގީ ވަފުދުން ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭ އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ތަހުގީގެއްކަން ޔަޤީންކުރުމުގެ ޒިންމާ އެ ވަފުދުގެ މައްޗަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ކުއްލި ޙަލަތްތަކާއި ބެހޭ އިދާރާގެ ޑިރެކްޓަރ ޖެނެރަލް، ސުން ޔެންގ ވިދާޅުވީ ވައިރަސް ފެތުރުނު ގޮތް ބަލަމުންދަނީ ސައިންސާއި ގުޅުންހުރި ނަޒަރަކުން ކަމުން ސިޔާސީ ފިއްތުންތައް އެއްފަރާތްކޮށް ހުރިހާ ފަރާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ.
އޮސްޓްރޭލިއާގެ ފަރާތުން ބައިވެރިވާ ވަފުދުންވެސްވަނީ ބަލިފެތުރުނު ގޮތާއި ގުޅުންހުރި މަޢުލޫމާތުތަކާއި ތަންތަނާއި ގުޅޭ މަޢުލޫމާތު ޑަބްލިއުއެޗުއޯގެ ވަފުދަށް ލިބެންވާނެކަމަށް ބުނެފައެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއިބެހޭ އިސްވެރިޔާ، މައިކް ރަޔާންވަނީ ތަހުގީގީ ވަފުދަށް ބަލި ފެތުރުނު ގޮތާއިގުޅޭ ޖަވާބެއް ލިބޭނެކަން ނުވަތަ ނޫންކަން ޔަޤީން ނުކުރެވޭނެކަމަށް ބުނެފައެވެ. ބައްޔެއްގެ މަސްދަރު ހޯދައި ކަށަވަރުކުރުމަކީ ވަރަށް އުނދަގޫ މަސައްކަތެއްކަމަށާއި، އެކި ގޮތްގޮތަށް ތިން ހަތަރު ފަހަރު މަސައްކަތްކޮށްގެން ޖަވާބަކާއި ހަމައަށް ވާސިލްވެވޭ ފަހަރު އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.