ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ބާއްވަން ފާސްކޮށްފި


ކޯވިޑާއި ގުޅިގެން އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ބެހޭ ޚާއްޞާ ޤާނޫނަށް ހުށައެޅި މި އިޞްލާހު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ ވޯޓުންނެވެ. ދައުރުން ބޭރުގައި މަޖިލީހުން މިއަދު ބޭއްވި ޖަލްސާ ފެށުނީ ކޯރަމް ހަމަނުވެގެން ބައިގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު 24 މެމްބަރުންނާ އެކުގައެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ޤާނުނަށް ިއސްލާހު ގެންނަން ހުށައެޅުއްވީ ރައްޔިޔުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 40 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ޤާނޫނަށް ގެނައި އިޞްލާހުގައި ބުނެފައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް އިންތިޚާބު ބޭއްވޭނެކަމަށާއި، އިންތިޚާބު ކުރިއަށް ގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައަޅައިގެންކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ފަށަންވާނީ އިންތިޙާބު ބާއްވާ ތާރީޚު އިއުލާންކުރާތާ ތިންދުވަސް ފަހުންކަމަށްވެސް މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ.
މީގެއިތުރުން އިންތިޚާބުގެ ކަންކަން ފެށުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލްތައް އެކުލަވާލާ ޢާންމުކުރަންވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައިވެއެވެ.

ސަރުކާރުން ހުށައެޅި މި ބިލަށް ކޮމިޓީ މަރުހަލާގައިވެސް ބައެއް އިޞްލާހުތައް ގެނެސްފައިވެއެވެ. އެގޮތުން މިހާރު ޤާނޫނު ބުނާ ގޮތުން މޭމަހުގެ މޭ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަންޖެހޭނެކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ކެމްޕެއިން ކުރުމަށް ނުލިބޭކަމަށް ބުނާތީ އެކަމަށްވެސް ކޮމިޓީގެ މަރުހަލާގައި ރިޔާއަތްކޮށްފައިވެއެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެގޮތަށްކަމަށްވެސް މި އިޞްލާހުގައިވެއެވެ.


ލޯކަލް ކައުންސިލްތަކުގެ ޚާއްޞާ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކަށް މަޖިލީހުގެ ޖަލްސާގެ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ އިންތިޚާބު ވީހާވެސް އަވަހަށް ބޭއްމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވދާޅުވެފައިވެއެވެ.