ކުޅިވަރު

ކަރަންޓީން ކޮށްފައިވާ ކުޅުންތެރިންނަށް ހާއްސަ އިނާޔަތްތަކެއް ނޯންނާނެ: އޮސްޓްރޭލިއާ ސަރުކާރު


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވުމަށްޓަކައި މެލްބަންއަށް ދަތުރުކުރި ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން ކޮވިޑްގެ އަސަރު ފެނުނު ބޯޓުތަކުގައި ބިތި ކުޅުންތެރިން ކަރަންޓީންގައި ތިބޭއިރު ހާއްސަ އިނާޔަތްތަކެއް ނޯންނާނެކަމުގައި އޮސްޓްރޭލިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އަބޫދާބީ، ލޮސް އެންޖަލިސް އައި ދޯހާއިން މެލްބަންއަށް ދަތުރުކުރި ތިން ބޯޓުން ދިޔަ މީހުންގެ ތެރެއިން ހަމީހެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަސަރު ފެނުމާ ގުޅިގެން 72 ކުޅުންތެރިންވަނީ 14 ދުވަހަށް ކޮޓަރީގައި ކަރަންޓީން ކުރުމަށް ނިންމާފައެވެ. ވިކްޓޯރިއާ ސްޓޭޓްގެ ޕްރިމިއަރ ޑެނިއަލް އެންޑްރޫ ހާމަކުރެއްވިގޮތުގައި ކޮރޯނާ ވައިރަހެއް ކުޅުންތެރިންނަށް ހާއްސަ ގޮތްތަކެއް ނުހަދާދޭ ކަމަށާއި އަދި ވައިރަސް ޖެހިފައިވާ ކުޅުންތެރިޔަކަށް އޮސްޓްރޭލިއާ ސަރުކާރުންވެސް ހާއްސަ ގޮތްތަކެއް ނުގެންގުޅޭނެއެވެ. ކަރަންޓީން ކޮށްފައިވާ ބައެއް ކުޅުންތެރިން އަންނަނީ ބޭރަށް ނުނިކުމެވޭ ގޮތަށް ކަރަންޓީން ކޮށްފައިވާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
އެންޑްރޫ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހާ ގުޅިގެން ހެދިފައިވާ ގަވައިދުތަކުގެ ދަށުން އެންމެންނަށްވެސް އަމަލު ކުރެވޭނީ އެއް ހަމައަކުން ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާން މެލްބަންއަށް ދަތުރުކުރި ހުރިހާ ކުޅުންތެރިންނަށް މިކަމުގެ މަޢުލޫމާތު ދުރާލާ ދެވިފައިވާނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ދުވާލަކު 5 ގަޑިއިރަށް ބޭރަށް ނުކުމެވޭ ގޮތަށް ކަރަންޓީން ކޮށްފައިވާ ކުޅުންތެރިންނަށް ފަރިތަކުރުންތައް މިހާރުވަނީ ފަށާފައެވެ. ނަމަވެސް ބައެއް ކުޅުންތެރިންގެ ޓެސްޓް ނަތީޖާތައް ލިބުން ލަސްވުމާއި ޓްރާންސްޕޯޓް ހަމަޖެއްސުމުގައި ދިމާވި ދަތިތަކާހުރެ ބައެއް ކުޅުންތެރިންގެ ފަރިތަކުރުންތައް ކެންސަލްވެސް ކުރަންޖެހިފައިވެއެވެ. ޓެނިސް އޮސްޓްރޭލިއާއިން ހާމަކުރިގޮތުގައި ދެތިން ދުވަހުގެ ދަތިތަކާއެކު މިހާރު ހުރިހާ ކަމެއްވެސް ހަމައަކަށް އެޅެން ފަށާފައިވާކަމަށެވެ.